ޤައުމީ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު ދިރާސާކުރުމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެކު މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެކޮމިޓީން ނިންމާފައިވަނީ، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތުގެ ބިލާ ގުޅިގެން އެމްއެމްއޭއާއެކު މަޝްވަރާ ކުރުމަށް ހޯމަ ދުވަހުގެ 11:00 ށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށެވެ.

މާލިއްތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ހޯމަ ދުވަހު އެމްއެމްއާއެކު މަޝްވަރާކުރުމަށް ހޯމަ ދުވަހު އެބިލްގެ ދިރާސާ ކުރުމުގެ މަސަައްކަތް ނިންމައި މި ހަފްތާގައި މާލިއްޔަތު ކޮމިޓީއަށް ފޮނުވާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމުމުގެ ކުރިން މިބިލް މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭ ކަމަށްވެސް އިލްޔާސް ލަބީބް ވިދާޅުވި އެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސްކުރުމާ ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމު ކުރުމެވެ.

ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ. އަދި އެފަދަ ސިސްޓަމްތައް ރެގިއުލޭޓް ކުރާ ފަރާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމާއި ގުޅޭ ކަންކަމުގެ އިތުރުން ސިސްޓަމްތައް ހިނގާ ނުހިނގާ ގޮތް ބެލުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.