އައްޑޫ ސިޓީއަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާ އެއް ސިޓީކަމަށް އެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެކަން އެގޮތަށް ކޮށްދެއްވާތީ އެކަން އުފަލާއެކު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެ ސިޓީ ކައުންސިލާ ގިނަ ގިނައިން ބައްދަލުކުރައްވައި ގާތުން ކަންކަން ބައްލަވަމުންދާ ކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ ރައީސަސް ޝުކުރުއަދާކުރައްވާފައެވެ.

އައްޑޫ ސިޓީކައުންސިލުން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި، އިޖްތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު ރައީސް ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދަވާދެއްވާނޭ ކަމަށެވެ. މީގެ އިތުރުން ވެސް ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އެކައުންސިލަށް ދިމާވި ބައެއް ދަތިތައް ޙައްލުކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖްލިސް މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެން އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.