މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވެފައި ހުރި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކްލަބު ބަދަލު ކުރުމުގައި ހައްލެއް ލިބެން އޮތް ކަމަށާއި އެހައްލަކީ ފްރާންސްގެ މާސޭއަށް ބަދަލުވުން ކަމަށް އެކްލަބުގެ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސާމިރް ނަސްރީ ބުނެފިއެވެ.

ނަސްރީ ބުނީ ޗިލީގެ ނުރައްކާތެރި ވިންގަރ އެލެކްސް ސަންޗޭޒް އާއި ރޮނާލްޑޯގެ ޕާޓްނަރޝިޕް ވަރުގަދަވާނެ ކަމަށް ގަބޫލް ކުރާ ކަމަށާއި ޗެމްޕިއަންސް ލީގުގައި ކުޅޭ ކްލަބަކަށް ރޮނާލްޑޯ ބަދަލުވާން ބޭނުންވާނަމަ މާސޭއަކީ ރަނގަޅު ޗޮއިސްއަކަށް ވާނެ ކަމަށެވެ.

"އަހަރެން ރޮނާލްޑޯއަށް ހައްލެއް ހޯދައި ދީފާނަން. މެންޗެސްޓަރ ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލަންވީ. އެއަށްފަހު މާސޭއަށް އޭނާއަށް އާދެވިދާނެ. ޗެމްޕިއަންސް ލީގުގައިވެސް ކުޅެވޭނެ" ސަމާސާ ރާގެއްގައި ނަސްރީ ބުންޏެވެ.

މިދިޔަ ސީޒަނުގައި ލީގުގެ ގަދަ ހަތަރަކުން މެންޗެސްޓަރ ޔުނައިޓެޑަށް ޖާގަ ނުލިބުމުން މިފަހަރު ޗެމްޕިއަންސް ލީގުގައި މެން.ޔުނައިޓެޑަށް ނުކުޅެވޭނެއެވެ. މިއާއެކު ރޮނާލްޑޯ ވަނީ އެހެން ކްލަބަކަށް ބަދަލު ވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ޗެލްސީ އާއި ބަޔާން މިޔުނިކުން އަދި އެތުލެޓިކޯ މެޑްރިޑުން ޝައުގުވެރިކަން ރޮނާލްޑޯއަށް ފާޅުކުރިނަމަވެސް އެއިން އެއްވެސް ކްލަބަކުން އޭނާ ގެންދަން ބޭނުމެއް ނުވިއެވެ.