ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން ދޫކުރާ 6 ފަޅުރަށް ބިޑް ކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބިޑް ކުރުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 27 ޑިސެންބަރ އެވެ.

ދަނޑުވެރިކަން ކުރުމަށް މިނިސްޓްރީން ދޫކުރާ 6 ފަޅުރަށަކީ، ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ށ. ނެޔޮ، ނ. ތޮޅެންދޫ، ބ. މާއްޑޫ އަދި ގދ. އޮއިނިގިއްލާއެވެ. މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި އެ މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށް ދިނުންކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ، ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ.