މެދުތެރޭގައި ޗައިނާގައި ހޫނު ގަދަވުމާއި ކޯރުތައް ހިކުމުގެ ސަބަބުން ހައިޑްރޯޕަވަރ އިން ކަރަންޓު އުފެއްދުން މަދުވެފައި ވެއެވެ. އަދި އެކަމުގެ ސަބަބުން ގިނަ ފެކްޓްރީތައް ބަންދުކުރަން ޖެހި ކޮންސިއުމަރ ސްޕެންޑިންގ މަޑުޖެހިފައި ވެއެވެ. މިއީ ޗައިނާގެ ރިއަލް އެސްޓޭޓް މާކެޓަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު ޗައިނާގެ އިޤްތިޞާދަށް ލިބިގެން ދިޔަ އެންމެ ފަހުގެ ގެއްލުމެކެވެ.
ފާއިތުވި އަހަރުތަކުގައި ޗައިނާގެ އެންމެ އާބާދީ ބޮޑު އަދި ހަލުވިކަމާއެކު ކުރިއަރަމުން އައި ސިނާއީ މަރުކަޒަކީ ސިޗުއާން ޕްރޮވިންސެވެ.
ސިޗުއާން ޕްރޮވިންސުން އާންމުކޮށް ކަރަންޓުގެ ތިންބައިކުޅަ އެއްބައަށް ވުރެ ގިނަ ކަރަންޓް އުފައްދައެވެ. މި ކަރަންޓު އުފައްދަނީ ބޮޑެތި ޑޭމްތަކުންނެވެ. ވިއްސާރަ މޫސުމުގައި އާންމުކޮށް ފެން އަންނަ ވަރަކަށް ސިޗުއާންގެ ހައިޑްރޯޕަވަރުގެ ބޮޑު ބައެއް ޝަންހާއީ އާއި ހަމައަށް ދުރު ސިޓީތަކަށް ބޭރުކުރެއެވެ.
އެކަމަކު މިއަހަރު ހޫނު މޫސުމުގެ ވާރޭ ގާތްގަނޑަކަށް މުޅިން ހުއްޓުމާއި ދުވާލު ގަޑީގައި ގަވާއިދުން 100 ޑިގްރީ ފަރެންހައިޓާ ހަމައަށް ނުވަތަ އެއަށްވުރެ މައްޗަށް ހޫނު އިތުރުވުމާއި ކޯރުތަކުން ފެން ހިނދުމުން ކާރިސާއެއް ކުރިމަތިވެފައި ވެއެވެ.
ކޯރުތަކުން ފެން ހިނދިގެން ކަރަންޓް ނުލިބޭތީ ސިޗުއާންގެ ފެކްޓްރީތައް ހަފްތާއެއްހާ ދުވަހަށް ބަންދުކުރަން މަޖުބޫރުވެފައި ވެއެވެ.
ޗައިނާގެ އިގްތިސާދަށް އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އެގައުމުގެ މަރުކަޒީ ބޭންކުން ވަނީ ފަސް އަހަރުގެ އިންޓަރެސްޓް ރޭޓ ކުޑަކޮށްފައެވެ. އޭގެ މަގްސަދަކީ އެގައުމުގެ އިމާރާތްކުރުމާއި ރިއަލްސްޓޭޓް ސެކްޓާއަށް ލުޔެއް ލިބިދާނެ ގޮތަކަށް ފިޔަވަޅު އަޅާށެވެ.