އިނގިރޭސި ލީގް ކަޕް، މިހާރުގެ ނަމުންނަމަ ކްރާބޯ ކަޕް ތިންވަނަ ބުރުގައި ރޭ ޕްރިމިއަރ ލީގުގެ ފުލަމް 0-2 އިން ބަލިކޮށް ހަތަރުވަނަ ޑިވިޒަނުގެ ކުޑަ ކުޑަ ކްރޭވްލީ ޓައުނުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ފުލަމްއިން މެޗަށް ނިކުތީ އެންމެފަހުން ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑް އަތުން 3-2 އިން މޮޅިވި މެޗުގައި ނެރުނު ފުރަތަމަ އެގާރައަށް 9 ބަދަލު ގެނެސްގެންނެވެ. ކްރޭވްލީގެ ކޯޗް ކެވިން ބެސްޓީ، ބީބީސީ ރޭޑިއޯއަށް ދިން ބަސްދީގަތުމެއްގައި ބުނީ ފުލަމްއިން ބަދަލުތަކަކާއެކު ނިކުންނަކަން އެނގުމުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަކަމަށެވެ.

މިމެޗުގައި ކްރޭވްލީއިން ލަނޑު ޖެހީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓާއި ދެވަނަ ހާފުގެ 5 ވަނަ މިނެޓުގައެވެ. ފުރަތަމަ ލަނޑު ޓޮމް ނިކޯލް ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލިވަޕޫލްއިން ލޯން އެއްބަސްވުމެއްގެ ދަށުން ކްރޭވްލީއަށް ދޫކޮށްފައިވާ ޖޭމްސް ބްލަގިޒީއެވެ.