މުލަކަތޮޅު މުލަކާއި ރ. އުގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފިއެވެ. މީގެ އިތުރުން މ.މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވެސް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

މ.މުލަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން 343 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 539 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ގިރާ ސަރަޙައްދުގެ ގޮނޑުދޮށަށް ވެލި އަޅައި އެތަން ހިމާޔަތް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތުގެ އަގަކީ 38.9 މިލިއަން ރުފިޔާއަށެވެ. އެމަސައްކަތް ނިންމުމަށް ދީފައިވަނީ 15 މަސް ދުވަހެވެ.

ރ.އުނގޫފާރުގެ ގޮނދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 6 މަސްތެރޭގައި ނިންމާ ގޮތަށް 11.1 މިލިއަން ރުފިޔާއަށެވެ. އެއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެރަށުގައި ފަށާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު ކުރިން އޮތް ގޮތަށް ހެދުމަށް ހަމަޖެހިފައިވެއެވެ.

މ.މަޑުއްވަރީ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 16 މަސްދުވަހުން ނިންމާ ގޮތަށް 51،086،661.84މިލިއަން ރުފިޔާއަށެވެ.

މި މަސައްކަތުގައި ހިމެނެނީ ބަނދަރާއި ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، 600 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްލުމާއި 122 މީޓަރުގެ ރިވެޓްމަންޓް ޖެހުމެވެ. ބޭރު ތޮށި ހަދާނީ 92000 ކިއުބިކް މީޓަރުގެ ވެލި އަޅައި، ވެލިގަނޑު ވަށައިގެން ބޮޑު ހިލަ ޖަހާގޮތަށެވެ. މީގެ އިތުރުން ބޭރު ތޮށި ހެދުމަށް ވެލި އަޅައި އެތަން ހިއްކައި، އެތަނަކީ އާއްމުންނަށް ހިތްފަސޭހަކޮށްލުމަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި ތިން ރަށުގެ މި މަސައްކަތްތައް އެމްޓީސީސީއާ ޙަވާލު ކުރުމަށް ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިއާ އަޙުމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމެވެ.