ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަން ޖެހޭ ތިންކަމެއްގެ ވާހަކަ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ތަޖުރިބާކާރުންގެ ވާހަކަތަކަށް ރިއާޔަތްކުރައްވާ މިނިސްޓަރ ވިދާޅުވީ އެތިންކަމަކީ ވަށާޖެހޭ ފުރިހަމަ ޤާނޫނަކާއި, އެޤާނޫނު ތަފާތުކުރުމެއްނެތި ހަމަހަމަކޮށް ފުރިހަމައަށް ތަންފީޒުކުރުމާއި, ފުރިހަމަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ކަމަށެވެ. އެތިންކަންތަކާއި ނުލައި ކުށްމަދު މުޖުތަމައެއް ޤާއިމްނުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެތެރެއިން ތިންވަނަ ކަންތައް ކަމަށްވާ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ވަރުގަދަކުރުމަށް ޚާއްސަ ކަމެއް ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރިޔާސީ މިދައުރު ފެށިއިރު ރިހިބިލިޓޭޝަނަށް އެންމެ ރަނގަޅު ސަމާލުކަން ދެވިފައި ނެތްކަމަށާއި, ނަމަވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ރިހިބިލިޓޭޝަން ކޮމާންޑެއް އުފެއްދެވި ކަމަށް ވިދާޅުވިއެވެ. ކަރެކްޝަންގެ މުޅި އޮނިގަނޑަށް އެބަދަލުތައް ގެންނެވިކަމަށް ވެެސް ވިދާޅުވިއެވެ.
"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސްރާބު ހިފައިގެން މިތިބީ ރިހިބިލިޓޭޝަން ކޮމާންޑްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ ފުރިހަމަ ތައުލީމާއި, ތަމްރީނު ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމަށް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރަނގަޅު ރިހިބިލިޓޭޝަން ނިޒާމެއް ޤާއިމްކުރެވޭނީ އެމަސައްކަތް ކުރެވިގެންކަމަށެވެ. އަމާޒަކީ ޖަލަށް ވަންނަ ކޮންމެ ޤައިދީއަކު ރިހިބިލިޓޭޓްވެގެން ނިކުތުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޖަލުގެ ރިހެބިލިޓޭޓު ޕްރޮގްރާމް ފުރިހަމަ ކުރި އެއްވެސް މީހަކު ދެން ޖަލުން ފެންނަން ބޭނުން ނުވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "ދިވެހިރާއްޖޭގެ ނައިބުރައީސް ޖަލަށް ވަޑައިގެން ދެއްވި ސެޓްފިކެޓްގެ މައްޗަށް ދިރިއުޅުން ބިނާކުރާނަމޭ ބުނަންވާނެ. މާދަމާ ފެންނަންވާނީ މަސައްކަތްކުރާތަނެއްގައި އެންމެން ބަލައިގަންނަ މަޤްބޫލް ރަނގަޅު މުވައްޒަފެއްގެ ގޮތުގައި. އަމިއްލައަށް ތެދުވެ މަސައްކަތެއް ލީޑްކުރާ މީހެއްގެ ގޮތުގައި. ވިޔަފާރިވެރިއެއްގެ ގޮތުގައި. އުފެދުންތެރިއެއްގެ ގޮތުގައި ފެންނަންވާނީ." މިނިސްޓަރ ވިދާޅުވިއެވެ.