މަސްތުވާތަކެތީގެ ވަބާއަކީ ބައިޤަރުނެއްހާ ދުވަސްވީ ވަބާއެއްކަމަށާއި, އެއިން އަރައިގަތުމަށް ހުރިހާ ދިމާއަކުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިއްޔެ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ މުޖުތަމައުގެ ހުރިހާ އާއިލާތަކުގެ ތެރެއަށް ފެތުރިފައިވާ ކަމަށެވެ. އެހެން ކަމުން އެކަމާމެދު ހިތާމަ ނުކުރާ އާއިލާއެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

މިއީ ވަރަށް އަވަހަށް އަރައިގަންނަން ޖެހިފައިވާ މައްސަލައެއް ކަމަށާއި އެ ކަމުން އަރައިގަތުމަށް ވަރަށް ބުރަކޮށް ވަރަށް ގިނަ މަސައްކަތްތައް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިންނާއި މުޅި މުޖުތަމައުގެ ތެރެއިންނާއި, ހުރިހާ ރައްޔިތުންގެ ތެރެއިން ކުރަންޖެހޭކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުން އަރައިގަތުމަށް ވަރަށްބޮޑު އިސްކަމަކާއި ޚާއްސަ ކަމެއް ދެއްވައިގެން ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ވެސް ހިންގަވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.