އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 3-3 އިން ލިވަޕޫލު އެއްވަރުވެއްޖެއެވެ.
އެސްޓަން ވިލާގެ ވިލާ ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ލިވަޕޫލެވެ. މި ލަނޑަކީ, މެޗުގެ 2 ވަނަ މިނެޓުގައި ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް އަތުން ހެދުނު ގޯހަކުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ.
ލިވަޕޫލަށް އެ ލީޑު ހެފެހެއްޓުނީ އެންމެ ދިހަ މިނެޓަށެވެ. މެޗުގެ 12 ވަނަ މިނެޓުގައި އޮލީ ވޮޓްކިންސް ފަހިކޮށްދިން ފުރުސަތަކުން ޔޫރީ ޓިލަމަންސް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 23 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ޖޯ ގޯމޭޒް ފޮނުވާލި ބޯޅައެއް ކީޕަރު މަތަކުރުމަށްފަހު އައި ރީބައުންޑް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޯޑީ ގަކްޕޯ ކާމިޔާބު ކުރި ލަނޑެކެވެ. ގަކްޕޯގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-1 އިން ލިވަޕޫލު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައި ލިވަޕޫލުގެ ޒުވާން ޑިފެންޑަރު ޖަރެލް ކުއަންސާ ވަނީ ލަނޑު ޖަހާ ލިވަޕޫލުގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ. މި ލަނޑަކީ ކުއަންސާގެ ސީނިއާ ކެރިއަރުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
ކުއަންސާ ލަނޑު ޖެހުމާއެކު ވިލާ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ 85 ވަނަ މިނެޓުގައި ލަނޑު ޖަހާ ލިވަޕޫލުގެ ލީޑު ކުޑަކޮށްފައެވެ. މި ލަނޑަކީ ލިވަޕޫލުގެ އެލެކްސިސް މެކް އެލިސްޓާއަށް ހެދުނު ގޯހަކުން ޖޯން ޑޫރަން ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ތިން މިނެޓު ފަހުން ޑޫރަން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުން އެއްވަރުވުމާއެކު ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރަން މަސައްކަތް ކުރާ ވިލާއަށް ވަނީ މުހިއްމު ޕޮއިންޓެއް ލިބިފައެވެ. އެ ޓީމު މި ވަގުތު އޮތީ ކުޅުނު 37 މެޗުން ލިބުނު 68 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ފަސްވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި 79 ޕޮއިންޓާއެކު އޮތީ ލިވަޕޫލެވެ.