ތިލަމާލެ ބްރިޖު ހަދަން ވިލިމާލޭ އިރުދެކުނު ކަންމަތީގައި ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް މިއަދު ނަގާނޭ ކަމަށް އެމަސައްކަތްކުރާ ފަރާތުން ބުނެފައިވާ ކަމަށް އީޕީއޭއިން ވިދާޅުވެއްޖެއެވެ.

އީޕީއޭގެ ޑިރެކްޓަރޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ އެ މަސައްކަތްކުރާ އިންޑިއާ ކުންފުނީގެ މީހުންނާ އެކު އިއްޔެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އެއްވެސް ވެފައިވަނީ ޕްލެޓްފޯމް މިއަދު ނެގުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ ދެ ދުވަސްތެރޭގައި ޕްލެޓްފޯމް ނަގާނޭ ކަމުގެ ޔަގީންކަން އެ މަސައްކަތްކުރާ ފަރާތުންދީފައިވާ ކަމަށެވެ. މިއަދަކީ ދެވަނަ ދުވަހެވެ.

ޕްލެޓްފޯމް ނެގުމުގައި މަސައްކަތްކުރާނީ ފަރަށް ލިބޭ ގެއްލުން ކުޑަވާނޭ ގޮތެއް ބަލައި އެގޮތަށްކަމަށް އެ ޓީމުން ބުނެފައިވާ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ވިދާޅުވީ ޕްލެޓްފޯމްގެ ސަބަބުން ފަރަށް ލިބޭ ގެއްލުން ބައްލަވަމުން ގެންދަވާ ކަމަށާއި މިހާރުވެސް ފަރަށް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

"ފަރަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އެނގޭނީ ޕްލެޓްފޯމް ނަގައި އެތަން ސަރވޭއެއް ކޮށްގެން. ސަރވޭއަށްފަހު އެމީހުންނާމެދު އަޅާނޭ ފިޔަވަޅެއް ނިންމާނީ. ޖުރިމަނާ ކުރަންޏާ ވެސް އެކަންކަން ފައިނަލްވާނީ ސާރވޭއަށްފަހު. މިހާރުވެސް ފަރުގެ ގައުތައް ދަނީ ފުނޑުފުނޑުވަމުން،" އީޕީއޭގެ ޑިރެކްޓަރޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވިއެވެ.