ޑިސެމްބަރު 7 ވަނަ ދުވަހަށް މިއަހަރުގެ ތިންވަނަ ދައުރު ދިގު ދައްމާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓާއި އެކުއެވެ. ދައުރު ދިގު ދައްމާލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 1 މެމްބަރެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު ވެސް ހުންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ މަހުގެ 7 އާއި ހަމައަށް ގެންދިއުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތާއި މިދައުރުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަންކަން ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މުހިއްމު މަސައްކަތްތައް ނިންމާލުމުގެ ގޮތުން މި ދައުރު ދިގު ދައްމާލުމަކީ ބޭނުންތެރިކަމެއް ކަމަށާ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ނިންމަން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.