ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމަށް މިއުވާން މުހައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ. މީގެ ކުރީން ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މިއުވާން އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވީ ރައީސް އޮފީހުގެ ތަރިޖަމާނަކަށް ކުރި ހުންނެވި މުހައްމަދު މަބުރޫކު އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

"ރައީސް އޮފީހުގެ ސްޕޯކްސް ޕާސަންގެ މަޤާމުން މުޙައްމަދު މަބްރޫކް ޢަޒީޒު އިސްތިއުފާ ދެއްވައިފި. މި އޮފީހާއި ސަރުކާރަށް އޭނާ ކޮށްދެއްވާފައި ވަނީ ވަރަށް އިޚުލާސްތެރި، އަދި އަގުހުރި ޚިދުމަތްތަކެއް. އަދި، އޭނާ ކޮށްދެއްވާފައިވާ ތަޢުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރު ދަންނަވަން،" ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުގެ އައު ސްޕޯކްސް ޕާސަން މިއުވާން މުހައްމަދަށް މަބްރޫކްވަނީ މަރުހަބާ ވިދާޅުވެފައެވެ. މިއުވާން އަކީ ރަނގަޅު ޓްރެކް ރެކޯޑެއްއޮތް ގާބިލް ބޭފުޅެއް ކަމަށް ވިދާޅުވެ މަބުރޫކްވަނީ ތައުރީފް ކޮށްފައެވެ.

ކޮވިޑް ބަލި މަޑުކަމުގެ ތެރޭގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެއީ ހަޔާތުގައި ލިބިވަޑައިގެންނެވި ވަރަށްބޮޑު ތަޖުރިބާއެއް ކަމަށް ވެސް ވިދާޅުވިއެވެ. އޭނާއަކީ ނޫސްވެރިންނާ ގުޅޭ ކެތްތެރި ހިތްތިރި ބޭފުޅެކެވެ. މަބްރޫކު ވަނީ އޭނާއާއެކު މަސައްކަތްކުރެއްވި އެންމެނަށް ވެސް ޝުކުރު އަދާ ކުރައްވައިފިއެވވެ.