މިއަދު މީސްމީޑިއާގައި ގިނަބަޔަކު ޝުޢޫރުފާޅުކުރަމުންދަނީ ސްކޫލްތަކުގައި ކުދިންކުރާ ބޮޑެތި ކުށްތަކަށް އަދަބު ނުދެވޭތީއެވެ. އެކުދީންގެ ސަބަބުން ދެންތިބޭ ދަރިވަރުންނާއި ސްކޫލުގެ މުދައްރިސުންނަށް އަނިޔާލިބި، ބައެއްކުދީން ސްކޫލަށް ދާން ބިރުގަންނަ ހާލަތަށް ދާތީއެވެ.
ގިނަ ދުވަސްތަކެއް ވަންދެން މާލޭގެ ސްކޫލެއް ހިންގެވި ވެރިއަކު ހިއްސާކޮށްފައިވާ ލިޔުމެއްގައިވަނީ، ބޮޑެތި ކުށްތަށްކުރާ ކުދިންނަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން އަނިޔާ ލިބޭކުދިން ސްކޫލުން ވަކިވާން ޖެހޭތަން އަންނަކަމަށެވެ. އަދި މުޖުތަމަޢުގައި ހިނގާ އެންމެ ބޮޑެތި ކުށްތައްވެސް ސްކޫލުތަކުގައި ކުރަމުންދާއިރު ފިޔަވަޅު ނޭޅުމުގެ ސަބަބުން އެތައް ކުދިންނަކަށް އެކަމުގެ ގެއްލުންވާކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.
އެހެންމީހަކު ހިއްސާކޮށްފައިވާ ލިޔުމެއްގައިވަނީ ބޮޑެތި ކުށްތައްކުރާ ދަރިވަރުންނަށް އިސްލާހިއްޔާކަހަލަ ސްކޫލެއް ގާއިމުކުރުން މުހިންމު ކަމުގައެވެ. ހަނގާ ކުރުމާއި މާރާމަރީ ހިންގާކުދީންނަށް އަދަބު ނުލިބި ނަސޭހަތަކުން ނުވަތަ ގޭގައި ދުވަސްކޮޅަކު ބަހައްޓާލުމަކުން ކުށުގެވެއްޓާ ދުރު ނުކުރެވޭނެކަމަށް އޭނާ ލިޔެފައި ވެއެވެ.
ބޮޑެތި ކުށްކުރާކުދީންގެ ވާހަކަތައް މީސްމީޑިއާގައި މިހާ ގިނައިން ދެކެވެން ފެށީ ދާދިފަހުން ދައުރުވާންފެށި ވީޑިއޯއެއްގައި ސްކޫލެއްގެ ދަރިވަރަކު ކުލާހުގައި ޓީޗަރެއްގައި ތަޅައިގަންނަތަން ފެނުމުންނެވެ.
ގިނަ މީހުން ބުނާގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި ވަރަށް ބޮޑެތި ކުށްތައް ކުރެއެވެ. އެހެންނަމަވެސް އެކުދީންނަށް އެކަށީގެންވާ އަދަބެއް ދެވޭކަށް ނޯވެއެވެ. މިއީ ކުށްކުރާ ކުދީންނަށް ލިބޭ ހިތްވަރެއްކަމުގައި ގިނަ ބަޔަކު ބުނެއެވެ. އަދި ކުށްކުރުން މަދުކުރެވޭނީ އެ ކުށަށް އެކަށޭނަ އަދަބު ލިބިގެންކަމަށް މީހުން ފާޅުކުރި ޝުޢޫރުތަކުގައި ވެއެވެ.