ދިގު މުއްދަތެއްގައި ޕްރީ ސްކޫލަށް ޚިދުމަތްކުރެއްވި، އެތައް ދަރިވަރުންތަކެއްގެ ޕްރީސްކޫލް ޓީޗަރ އައިޝަތު ޝުކުރިއްޔާ (ޝުކޫ އާންޓީ) މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

އާލިޔާ ޕްރީ ސްކޫލާއި މާފަންނު މަދަރުސާ އަދި ގަލޮޅު މަދަރުސާގެ ޕްރީސްކޫލުގައި ކިޔަވައިދެއްވި ޝުކޫ އާންޓީ އަކީ ދަރިވަރުންދެކެ ލޯބިވާ މުވައްޒަފުންނާއި ބެލެނިވެރިންނާއިވެސް ގުޅިގެން މަސައްކަތް ކުރެއްވި ހިތްހެޔޮ ޚިދުމަތްތެރި ޓީޗަރެއްކަމުގައި ގަލޮޅު މަދަރުސާއިން ފާހަގަކުރައްވައެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ޝުކުރިއްޔާ އާންޓި ހުންނެވީ ކްރޮނިކަލް އިލްނަސް ލީވްގައި ކަމުގައި ގަލޮޅުމަދަރުސާއިން މައުލޫމާތު ދެއްވިއެވެ.

ޝުކުރިއްޔާ އާންޓީ މާބޮޑަށް ބަލިވެގެން އަިޖީއެމްއެޗްގައި އެޑްމިޓްކުރެވުނީ އިއްޔެއެވެ.

ގިނަ ދަރިވަރުންތަކެއްގެ ލޯބި ހޯއްދެވި ޝުކުރިއްޔާ އާންޓީ ނިޔާވި އިރު ހުންނެވީ ގަލޮޅު މަދަރުސާގެ ގްރެޖްއޭޓް ލީޑިން ޓީޗަރެއްގެ މަޤާމުގައެވެ.

ޝުކުރިއްޔާ އާންޓީ ނިޔާވި އިރު އުމުރަކީ 56 އަހަރެވެ. އާންޓީގެ ޖަނާޒާ އޮތީ މިރޭ 11 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ.