އޭޝިއާގެ އެންމެ މުއްސަނދި ސާދާގަރު އިންޑިއާގެ ނުފޫޒުގަދަ ބްރޯޑްކާސްޓިންގ ކުންފުންޏެއް ގަންނަން މަސައްކަތް ފަށައިފިއެވެ.

ބިލިއަނަރު ގައުތަމް އަދާނީގެ ކުންފުނިން އޭއެމްޖީ މީޑިއާ ގަތުމަށް މަސައްކަތް ފެށުމުން އިންޑިއާގެ މީޑިއާގެ ދާއިރާއަށް ލޮޅުމެއް އައިސްފައި ވެއެވެ. އަދަނީގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނިއުދިއްލީ ޓެލެވިޜަން (NDTV) ގެ %29 ހިއްސާ އޮންނަ ފަރާތަކުން އޭނާގެ ހިއްސާ އެކުންފުންޏަށް ވިއްކާލާފައިވާ ކަމަށެވެ.

އަދި މުމްބާއީގެ ސްޓޮކް އެކްސްޗޭންޖަށް އަދާނީ ގްރޫޕުން ހުށަހެޅި ހުށަހެޅުންތަކުން ދައްކާ ގޮތުގައި ބްރޯޑްކާސްޓަރުގެ އިތުރު %26 ހިއްސާ 61.77 މިލިއަން ޑޮލަރަށް ގަތުމަށް އެންޑީޓީވީގެ ހިއްސާދާރުންނަށް ހުށަހެޅުމެއްވެސް ހުށަހަޅާފައިވެ އެވެ.

އެ ކުންފުނީގެ ސީއީއޯ ސަންޖޭ ޕުގަލިއާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ އެންޑީޓީވީ ހިންގާ އޭއެމްޖީ މީޑިއާ ނެޓްވޯކްސްއަށް ލިބުނު ތާރިޚީ ފުރުސަތެއް ކަމަށެވެ.

އެންޑީޓީވީއަކީ އިންޑިއާގައި ވަކި ފަރާތަކަށް ނުޖެހި ޚަބަރާއި މައުލޫމާތު ގެނެސްދޭ އެންމެ މަޝްހޫރު އެންމެ މުހިންމު ބްރޯޑްކާސްޓަރެވެ. ޓީވީ ޗެނަލްތަކާއި ވެބްސައިޓްތައް ހިންގާ އެންޑީޓީވީން ބުނިގޮތުގައި އެކުންފުނީގެ ޙިއްސާ އޭޝިއާގެ އެންމެ މުއްސަނދި އަދި ސަރުކާރާ ގާތް ފަރާތަކަށް ވިއްކާލާފައި ވަނީ އެ ކުންފުނީގެ ރުހުމާ ލައިގެނެއް ނޫން ކަމަށެވެ. އަދި އެންޑީޓީވީގެ ފައުންޑަރުންނާއި ޕްރޮމޯޓަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދަނީ ކުންފުނިން އެމީހުންގެ %29 ހިއްސާ ހޯދާފައި ވަނީ އެއްވެސް "މަޝްވަރާއަކާއި ރުހުމަކާއި ނޯޓިސްއަކާ ވެސް ނުލައި" ކަމަށެވެ.

ނޫސްވެރިން ކަމަށްވާ ރާދިކާ ރޯއީ އާއި ޕްރަންނޯއީ ރޯއީ 1988 ވަނަ އަހަރު އުފެއްދި އެންޑީޓީވީއަކީ އިންޑިއާގެ އެންމެ އިތުބާރު ކުރެވޭ އެއް ނިއުސް ނެޓްވޯކްގެ ގޮތުގައި ބެލެވޭ އިދާރާއެކެވެ. އަދި އެންޑީޓީވީއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީއަށް ގިނަ ފަހަރަށް ފާޑުކިޔާ މަދު ބޮޑެތި ބްރޯޑްކާސްޓަރުންގެ ތެރެއިން އެއް ބްރޯޑްކާސްޓަރެވެ.

އެޑިޓޯރިއަލް މިނިވަންކަމާ މެދު ކަންބޮޑުވުންތައް

އަދަނީގެ މި ފިޔަވަޅާއެކު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގައި އެޑިޓޯރިއަލް މިނިވަންކަމާއި ތަފާތު ޚިޔާލުތަކުގެ ދާއިރާ ކުޑަވަމުންދާ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

އިންޑިއާގެ އާންމު އިންތިޚާބު އޮންނާނީ 2024ގައެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން 2019 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އިންޑިއާގެ މަޝްހޫރު މީޑިއާ ގްރޫޕްތަކުގެ ޝައުގުވެރިކަން ގިނަ ފަހަރަށް ހުންނަނީ އެ ކުންފުނުތަައް ހިންގާ ބޮޑެތި އާއިލާތަކުން ހިންގާ އެހެން ސިނާއަތްތަކުގައެވެ. މާނައަކީ ޓީވީ ޗެނަލްތަކާއި ނޫސްތައް ވެރިކަންކުރާ ޕާޓީއަށް ސަނާ ކިޔުމަށް ތިބެން ޖެހޭ ކަމަށާއި ނޫންނަމަ އެ ޗެނަލްތަކުގެ ވެރިންނަށް އެމީހުންގެ އެހެން ވިޔަފާރިތަކަށް ފަހި ވެގެނެއް ނުދާނެއެވެ.

އަދާނީ ގްރޫޕްގެ ބާނީ ގައުތަމް އަދަނީއަކީ ބަނދަރުތަކާއި އެއަރޕޯޓްތަކާއި އޭރޯސްޕޭސް އިން ފެށިގެން ސޯލާ އެނާޖީ އާއި ކޯލާ ދެލި ފަދަ ދާއިރާތަކުން ކުންފުނިތައް ކޮންޓްރޯލް ކުރާ ބިޔަ ކުންފުންޏެކެވެ.

ބްލޫމްބާގް ބިލިއަނަރސް އިންޑެކްސް އިން ދައްކާ ގޮތުގައި އަދަނީގެ މަހުޖަނުގެ މުއްސަނދިކަން މިހާރު 135 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ. އޭނާއަކީ ދުނިޔޭގައި ހުރި ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާ އެވެ.