އައްޑޫސިޓީ ކައުންސިލާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ދެމެދު އެމް.އޯ.ޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މިއެމް.އޯ.ޔޫގެ ދަށުން އައްޑޫސިޓީގެ ޔޫތު ސެންޓަރުތަކުގައި ޓީޓީ ކުޅޭނެ ސަރަހައްދުތައް ޤާއިމް ކުރުމާއި، ޔޫތު ސެންޓަރތަކުގައި ހުރި ޓީޓީ ކުޅެން ބޭނުންކުރާ ތަކެތި އައު ކުރުން ހިމެނެއެވެ. އޭގެ އިތުރުން ދާއިމީ ކޯޗަކު އައްޑޫސިޓީގައި ބަހައްޓައި އިތުރު ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިންގުމާއި، އައްޑޫސިޓީގެ ކުޅުންތެރިންނަށް ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ވެސް ހިމެނިފައިވެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަކީ މިފަދަ ކުޅިވަރުތައް ކުޅެން ވަރަށްބޮޑަށް ޝައުގުވެރިވާ ޒުވާނުން ތިބި ސިޓީއެއް ކަމަށެވެ. މި ފަދަ ކުޅިވަރުތަކަކީ ރާއްޖެއަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ވަނަ ލިބުމުގެ ފުރުސަތު ވެސް އޮތް ކުޅިވަރުތަކަށްވާތީ އައްޑޫގައި ޓީޓީ ވަރުގަދަ ކުރަން ބޭނުންވާ ކަމަށެވެ. "އައްޑޫގައި މި ކުޅިވަރު ކުޅެން ބޭނުންވާ ކުދީން އެބަތިބި. ނެތީ ވަސީލަތްތައް. އިރާދަ ކުރެއްވިއްޔާ މި އެއްބަސްވުމުގެ ދަށުން ހުރިހާ ކަމެއް ހަމައަކަށް އެޅިގެންދާނެ،" ނިޒާރު ވިދާޅުވިއެވެ.