ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ، ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ އިތުރުން ދުނިޔެ އާއި ރާއްޖޭގެ އާޖުފާޖު ދަންނަ ބަޔަކަށް ވެވޭތޯ ގަދައަޅައި ދަރިވަރުން މަސައްކަތް ކުރުމަށެވެ. މީގެ އިތުރުން އިސްލާމީ އަގުތައް ހިފަހައްޓައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް، ދަރިވަރުންގެ ޒުވާން ހަކަތަ ބޭނުން ކުރުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދަރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ މިފަހަރުގެ އަރުތަވެރިންގެ ކާމިޔާބީ ރަމްޒުކޮށްދެނީ، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން ތައްޔާރުކޮށްދިނުމުގައި ސްކޫލުތަކުންނާއި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތްކަމަށެވެ. އަދި ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ސްކޫލްތަކުންނާއި ބެލެނިވެރިން އުފުއްލެވި ބުރަ އިޙްސާސް ކުރެއްވޭ ކަމަށެވެ. އެ ދަތިކަމުގެ ތެރޭގައި ދުނިޔޭގެ ފެންވަރުން ވެސް މަތީ ވަނަތަކެއް ރާއްޖޭގެ ދަރިވަރުން ޙާޞިލްކުރީ، ޓީޗަރުންނާއި ބެލެނިވެރިންގެ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ސަބަބުން ކަމުގައި ވެސް ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނު ދެކެވަޑައިގަންނަވާ، ގޮތުގައި އެބޭފުޅުން ޤައުމަށްޓަކައި ކޮށްދެވި ވަރަށް އަގުހުރި މަސައްކަތެއްކަމަށެވެ. އެކަމަށްޓަކައި ރައިސް ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ތަޢުލީމީ ޒުވާން ޖީލެއް ފައްކާވެ، ޤައުމީ ޚިދުމަތަށް ނުކުންނަ އިރު، ނަތީޖާ ނެރެވޭނެ މަގުތައް ކޮށައިދިނުމަކީ، ކުރަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީ ލާމަރުކަޒުވެގެން ދާވަރަކަށް، ވަޒީފާއާއި ޟަރޫރީ ޚިދުމަތްތައް ހޯދުމަށްޓަކައި، ހިޖުރަކުރަންޖެހޭ މިންވަރު ދަނީ ދަށްވަމުންކަމަށާއި، މިއަދު ދަރިވަރުންވެސް ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ، އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި ޢާއިލާއާ އެކުގައި ތިބެގެން، ޤައުމަށް ޚިދުމަތް ކުރެވޭނެ ގޮތްތައް ބެލުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޒަމާން ބަދަލުވެ ވަސީލަތްތައް ތަފާތުވެއްޖެކަމަށާއި، ކަންކުރަމުން އައި އާދަކާދަ ވެސް ބަދަލުވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދުތަކާ އެއް މިސްރާބަށް ސަރުކާރުގެ ތަޢުލީމީ ސިޔާސަތުވެސް މިވަނީ ދީލާލެވިފައި ކަމުގައި ވިދާޅުވެފައެވެ.

މިނިމުނު ދިރާސީ އަހަރަކީ، ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ޘާނަވީ ތަޢުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރި ވިއިރު، މަތީ ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.

ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި، 13ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވެއެވެ. 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.

މީގެ އިތުރުން، މަތީ ޘާނަވީ އިމްތިޙާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ޙާޞިލުކޮށްފައެވެ