ޔޫރަޕުގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާއިން ހޮވި ނިމިދިޔށ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ފްރާންސް ގައުމީ ޓީމާއި ރެއާލް މެޑްރިޑުގެ ނުރައްކާތެރި ފޯވާޑް ކަރީމް ބެންޒެމާ އަދި އެންމެ މޮޅު ކޯޗުގެ މަގާމަށް ރެއާލް މެޑްރިޑުގެ ކޯޗް އިޓަލީގެ ކާލޯ އަންޗެލޮއްޓީ ރޭ ހޮވައިފިއެވެ.

އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ނިމިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގާއި ޔުއެފާ ސްޕަރ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބު ކުރިއިރު ޓީމުގެ ތަރިޔަކަށް ވެގެންދިޔައީ ކެޕްޓަން ބެންޒެމާއެވެ. ޗެމްޕިއަންސް ލީގުގައި 15 ލަނޑު އަދި މުޅި ސީޒަނުގައި ޖުމްލަ 42 ލަނޑު ބެންޒެމާ ކާމިޔާބު ކުރިއެވެ. މިއާއެކު ޔުއެފާގެ އެވޯޑާއި "ފީފާ ބެސްޓް" އަދި ބެލޮންޑިއޯ މިއަަހަރު ބެންޒެމާ ހޯދާނެކަމަށް އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ބެންޒެމާ އާއި ވާދަކުރި އަނެއް ދެކުޅުންތެރިންނަކީ ރެއާލްގެ ކީޕަރު ބެލްޖިއަމްގެ ތިބައުޓް ކޯޓުއާ އާއި މެންޗެސްޓަރ ސިޓީގެ ހުނަރުވެރި މިޑްފީލްޑަރު ބެލްޖިއަމްގެ ކެވިން ޑިބްރޭނާއެވެ. މީގެ ތެރެއިން ޖަޖުންގެ ވޯޓުން ދެވަނަ ލިބުނީ ކޯޓުއާއަށެވެ. ޑިބްރޭނާ ދިޔައީ ތިންވަނައަށެވެ.

މޮޅު ކޯޗުގެ އެވޯޑް އަންޗެލޮއްޓީ ހޯދީ މެންޗެސްޓަރ ސިޓީގެ ކޯޗް ސްޕެއިނުގެ ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗް ޖަރުމަނުގެ ކޯޗް ޔޯގާން ކްލޮޕް ފަހަތަށް ޖައްސާލުމަށްފަހުއެވެ. މީގެ ތެރިން ދެވަނައަށް ދިޔައީ ގާޑިއޯލާއެވެ.

ޔުއެފާއިން ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވީ ބާސެލޯނާ އާއި ސްޕެއިނުގެ ތަރި އެލެކްޒިއާ ޕުޓެލަސްއެވެ. މޮޅު އަންހެން ކޯޗަކަށް ހޮވީ އިންގްލެންޑް އަންހެން ގައުމީ ޓީމަށް ޔޫރޯ ކާމިޔާބު ކޮށްދިން ކޯޗް ސެރީނާ ވިގްމަންއެވެ.