މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވެފައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ މިވަގުތު މަސައްކަތް ކުރަމުން ދަނީ އިޓަލީގެ ނަޕޯލީއަށް ބަދަލުވުމަށް ކަމަށް ސްކައި ސްޕޯޓްސްއާ ހަވާލާދީ "ގޯލް.ކޮމް" އިން ބުނެފިއެވެ.

ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ގޯލް.ކޮމް ގައި ބުނެފައި ވަނީ ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭޒް، ރޮނާލްޑޯ ނަޕޯލީއަށް ބަދަލުވާން ބޭނުންވާކަން އެކްލަބަށް އަންގާފައިވާ ކަމަށެވެ. މިހާރު މަޑުކޮށްގެން ތިބީ ނަޕޯލީގެ ޖަވާބަކަށް ކަމަށެވެ.

ސްކައި ސްޕޯޓްސް އަދި ގޯލް.ކޮމްއިން ވެސް ނަޕޯލީއަށް ރޮނާލްޑޯ ބަދަލުވާން މަސައްކަތް ކުރަމުން ދަނީ ކިހާވަަރެއްގެ މުސާރައަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މިސީޒަނުގެ ޗެމްޕިއަންސް ލީގުން މެންޗެސްޓަރ ޔުނައިޓެޑަށް ޖާގަ ނުލިބުމުން، މިފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނީއްސުރެ ރޮނާލްޑޯ ގެންދަނީ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން އޭނާ ފުރަތަމަ މަސައްކަތް ކުރީ ޖަރުމަނުގެ ބަޔާން މިޔުނިކަށް ބަދަލުވުމަށެވެ. އެއަށްފަހު ޗެލްސީ އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށްވެސް ބަދަލުވާން ރޮނާލްޑޯ މަސައްކަތް ކުރި ކަމަށް މީޑިޔާގައި އަޑު ފެތުރުނެވެ. އަދި މިނިމުނު ހަފްތާގައި އަޑު ފެތުރިގެންދިޔައީ ފްރާންސްގެ މާސޭއަށް ރޮނާލްޑޯ ބަދަލުވާން ބޭނުން ވެގެން އުޅޭ ކަމެވެ. އެކަމަކު މިހުރިހާ ކްލަބުތަކުންވެސް ބުނެފައިވަނީ ރޮނާލްޑޯ ގެންނަން ބޭނުން ނުވާ ކަމަށެވެ.