ފޯރިގަދަ ކުޅުމަކަށްފަހު 3-1 އިން ވަރުގަދަ އިންޓަމިލާން ބަލިކޮށް ލާޒިއޯ އިޓާލިއަން ސޭރިއާގެ އެއްވަނައަށް ވަގުތީ ގޮތުން ރޭ ޖެހިލައިފިއެވެ. މ

ލާޒިއޯގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ އެޓޭކިންގ މިޑްފީލްޑަރު ފެލިޕެ އެންޑަސަންއެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން ލާޒިއޯއަށް ހަމަޖެހިނުލެވި އުޅެނިކޮށް އާޖެންޓީނާ ގައުމީ ޓީމުގެ ފޯވާޑް ލައުރާޓޯ މާޓިނޭޒްގެ ލަނޑުން އިންޓަމިލާނުން ނަތީޖާ ހަމަހަމަ ކުރުމުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާނެ ކަމަށް ބެލެވުނެވެ. އެކަމަކު ލާޒިއޯގެ ކޯޗް މައުރީޒިއޯ ސައްރީ 57 ވަނަ މިނެޓުގައި ސްޕެއިނާއި ބާސެލޯނާގެ ކުރީގެ ތަޖުރިބާކާރު ވިންގަރ ޕެޑްރޯ ރޮޑްރިގޭޒް،35، ކުޅެން އެރުވުމާއެކު މެޗުގެ އޮއިވަރު ލާޒިއޯ ކޮޅަށް ބަދަލުވިއެވެ. ޕެޑްރޯގެ ތަނަވަވަސްކޮށްދިން ފުރުސަތަކުން ލާޒިއޯއިން 75 ވަނަ މިނެޓުގައި ލީޑް ނެގިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ސްޕެއިނުގެ އެޓޭކިންގ މިޑްފީލްޑަރު ލުއިސް އަލްބާޓޯއެވެ. ލާޒިއޯއިން ލީޑް އިތުރަށް ފުޅާ ކުރީ 86 ވަނަ މިނެޓުގައި ޕެޑްރޯގެ ލަނޑަކުންނެވެ.

އިންޓަމިލާން އަތުން މޮޅުވުމާއެކު ލާޒިއޯގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. މިގޮތުން އެޓީމުގެ ރަމްޒުގެ ގޮތުގައި ދައްކުވައިދޭ ބާޒެއް ދަނޑުމައްޗަށް އަރުވައި ކުޅުންތެރިންނާއި ކޯޗް ފޮޓޯ ނެގުމުން މިކަން ވަނީ މީޑިޔާގެ ސަމާލު ކަމަށް އައިސްފައެވެ. ދެފަހަރެއްގެ މަތިން އިޓާލިއަން ލީގާއި ޔުއެފާ ސްޕަރ ކަޕް ކަޕާއި ޔުއެފާ ކަޕް ކާމިޔާބު ކޮށްފައިވާ ލާޒިއޯއިން ވަނީ މިސީޒަނަށް ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ޕެޑްރޯ، ބާޒާއެކު އުފާފާޅު ކުރަނީ.

މިނަތީޖާއާއެކު ތާވަލުގެ އެއްވަނަ ވަގުތީ ގޮތުން ލާޒިއޯއަށް ލިބެނީ މިހާތަނަށް ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކުއެވެ. މިމެޗުން ބަލިވުމުން އިންޓަމިލާން އޮތީ 6 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ތާވަލުގެ ދެވަނައިގައި 6 ޕޮއިންޓާއެކު ނަޕޯލީ އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ލާޒިއޯއާއެކު އިޓަލީގެ ރޯމްއަށް ނިސްބަތްވާ މަޝްހޫރު އޭއެސް ރޯމާއެވެ.

އިޓާލިއަން ސޭރިއޭގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފާހަގަ ކޮށްލެވޭ މެޗުތައް:

1. ޔުވެންޓަސް - ރޯމާ (މިރޭ 21:00)

2. އޭސީ މިލާން - ބްލޮގްނާ (މިރޭ 23:45)