ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުން އެރަށުގައި ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްޙޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަތްމަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު އައިއިރު، ކުދި ރަށްރަށަށް ވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތްނަމަވެސް، މިސަރުކާރުން އެއްވެސް ރަށެއް ތަފާތުނުކޮށް، ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސއްކަތް ކުރަމުންދާކަމަށެވެ.

މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަތްމަންދުއަށް ދިމާވެފައިވާ، ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެއްމަޝރޫޢެއްގެ ގޮތުގައި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ. ރަތްމަންދޫއަކީ މ. އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ.

ރައީސުްލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭގޮތުން ކައުންސިލާއި އަންހެނުންގެ ތަރަށްޤީއަށް މަސއްކަތްކުރާ ކޮމެޓީއާއެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ފާހަގަކުރެއްވިއެވެ.

މިއީ އެމަނިކުފާނު ރަތްމަންދުއަށް ޒިޔާރަތްކުރެއްވި އެންމެ ފުރަތަމަ ފަހަރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި ރަތްމަންދޫ ރައްޔިތުން އެމަނިކުފާނަށާއި ސަރުކާރުގެ ވަފުދަށް ދެންނެވި ހޫނު މަރުޙަބާ އަށް ޝުކުރު އަދާކުރެއްވިއެވެ.

ރަތްމަންދުއަކީ، މ އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީ އޮތް ރަށެވެ. މިރަށުގެ ރަޖިސްޓްރީގެ އާބާދީ އަކީ 231 އެވެ.