ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމާއި ބެހޭ ބިލަށް ކޮމިޓީން ގެނައި މުހިއްމު އިސްލާހުތަކާއި އެކު ފާސްކޮށްފިއެވެ.
މި ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާއި އެކު ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 56 މެންބަރުންނެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ، ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ޤާނޫނީ ޝަޚްސަކުން، ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ލާޒިމުކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތް ހެދުމަށްޓަކަައެވެ.
މި ބިލު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ އެއްވެސް ޓެކުހަކާ ގުޅޭ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް އަދަދެއް، ދައުލަތަށް ނުދައްކައި އޮވެއްޖެ ނަމަ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދުމަށްޓަކައި، ޝަރީއަތަށް މައްސަލަ ހުށައަޅައިގެން މީރާއަށް އެ ފައިސާ ހޯދޭ ގޮތަށް އިސްލާހު ހުށައަޅާފައެވެ.
އަދި ޓެކްސް ދައްކަން ޖެހި، ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެސް އަދި ދައްކަން ޖެހޭ އަދަދުގެ ތަފްސީލު ހިމެނޭ، ކޮމިޝަނަރ އޮފް ޓެކްސްސޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ އެ އަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމަށާއި ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްގެ ކަމުގައި ފުދޭނެ ކަމަށްވެސް ވެއެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ޓެކުހާ ގުޅޭ މުޢާހަދާތަކާއި، ޓެކުހާ ގުޅޭ އެ ނޫން ވެސް އެއްބަސްވުންތަކުގެ ދަށުން ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ޓެކުހާގުޅޭ އިދާރާއާއެކުގައި ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމާއި، ބަދަލުކުރެވޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައް ވެސް ތަފްސީލީ ގޮތެއްގައި މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ