މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބަޔާން މިޔުނިކް ދޫކޮށް ބާސެލޯނާއާ ގުޅުނު ޕޮލެންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ދެލަނޑާއެކު 4-0 ގެ ބޮޑު ތަފާތަކުން މިރޭ ރެއާލް ވަލަޑޮލިޑުގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދައިފިއެވެ.
ބާސެލޯނާގެ "ސްޕޮޓިފައި ނޯކޭމްޕް" ގައި ކުޅުނު މިމެޗުގައި ލެވަންޑޮސްކީގެ އިތުރުން ދެން ބާސެލޯނާއަށް ލަނޑު ޖަހައިދިނީ އުއްމީދީ މިޑްފީލްޑަރު ޕެޑްރޯ އާއި ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ރޮބާޓޯއެވެ. ޕެޑްރީގެ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކުރިއިރު ސާޖީ ރޮބާޓޯގެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑަކީ ލެވަންޑޮސްކީ ފޮނުވާލި ހަމަލާއެއް ވަލަޑޮލިޑުގެ ކީޕަރު އަތުގައި ޖެހިފައި ނިކުތް ވަގުތު ހުސްކޮށް ހުރެ ސާޖީ ރޮބާޓޯ ކާމިޔާބު ކުރި ލަނޑެކެވެ.
ރޮބަޓް ލެވަންޑޮސްކީގެ ލަނޑުތައް ފެނިގެންދިޔައީ 24 ވަނަ މިނެޓާއި 64 ވަނަ މިނެޓުގައެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑަކީ ބްރެޒިލްގެ ވިންގަރ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ. ދެވަނަ ލަނޑަކީ ވަލަޑޮލިޑުގެ ކީޕަރާއި ޑިފެންޑަރަށް އޮޅުވާލުމަށްފަހު ބެކްހީލް ސްޓައިލުގައި ކާމިޔާބު ކުރި ލަނޑެކެވެ. މިދެލަނޑާއެކު ބާސާއަށް ލަލީގާގައި ކުޅެދިން ފުރަތަމަ ތިން މެޗުގައި ލެވަންޑޮސްކީ މިވަނީ 4 ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ 21 ވަނަ ޤަރުނުގައި ލަލީގާގައި ފުރަތަމަ ތިން މެޗުގައި ބާސެލޯނާއަށް ކުޅުންތެރިޔަކު 4 ލަނޑު ކާމިޔާބު ކޮށްދިން ފުރަތަމަ ފަހަރެވެ.
ބާސެލޯނާއާ ދެކޮޅަށް ކުޅުނު ވަލަޑޮލިޑަކީ ބްރެޒިލްގެ ކުރީގެ މަޝްހޫރު ފޯވާޑް ރޮނާލްޑޯގެ %82 ހިއްސާއާއެކު ހިންގަމުން އަންނަ ކްލަބެެކެވެ. ލީގް ފުލުން ދެވަނައިގައި އެޓީމު އޮތީ 1 ޕޮއިންޓާއެކުއެވެ. ބާސާ 7 ޕޮއިންޓާއެކު އޮތީ ދެވަނައިގައެވެ.