ފެނަކައަށް ވަރަށްބޮޑު އިތުބާރެއް އެބައޮތް ކަމަށާއި އެއާއެކު ރަށްރަށުގައިހުރި އައިސްޕްލާންތައް ވެސް ފެނަކާއާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިއްޔެ ވިދާޅުވެއްޖެއެވެ.

މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެ ހުޅުވުމުގައި ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައިހުރި އައިސްޕްލާންޓްތައް ވެސް ފެނަކައާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަސައްކަތް ސެޕްޓެމްބަރ ތެރޭގައި ނިމޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހިންގުން މިއަދު އަޅުގަނޑުމެން މިދަނީ ފެނަކައާ ހަވާލުކުރަމުން. ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި، ހުރިހާ އައިސް ޕްލާންޓްތަކެއް ހިންގުން ފެނަކައާ ހަވާލުކުރުމުން، އެ ޚިދުމަތް މިހާރު މެދުކެނޑިފައި ހުރި ރަށްރަށަށްވެސް ފަސޭހައިން ލިބޭގޮތަށް އެކަން ހަމަޖެހިގެންދާނެ،" ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ކަރަންޓުގެ ދަތިކަމަކީ އެމްޑީޕީ ވެރިކަމާ ހަވާލުވިއިރުގައި، ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތް ދަތިކަމެއް ކަމަށެވެ. އެހެނަސް ފެނަކައިން މިހާތަނަށް 141 ރަށަކަށް އާ އިންޖީނު ފޯރުކޮށްދީފި ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް މިއަދު މިވަނީ ފެނަކައިން ބަދަލުކޮށްލަދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްތައް ތަރައްޤީ ކުރުމުގައި ކުޑަ ރަށެއް، ބޮޑު ރަށެއް، ނުބައްލަވާ ކަމަށާއި ތަފާތުކުރުމެއްނެތި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ "އަޅުގަނޑުމެންވީ ވަޢުދެއް" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އެ ވަޢުދާ އެއްގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތް ދާނީ ކުރިއަށް" ކަމަށް ރައީސް ވިދާޅުވިއެވެ.