އާޖެންޓީނާ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަކީ އޭނާގެ ފުޓްބޯޅައިގެ ކެރިޔަރުގައި ކުރިމަލާން ޖެހުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބކާރު ޑިފެންޑަރު ރަފޭލް ވަރާން ބުނެފިއެވެ.

ގޯލް.ކޮމްއަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ވަރާން ބުނީ މެސީއަކީ ވަރަށް ހަލުވި ތޫނިފިލި ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކެރިޔަރުގައި އެވަރުގެ މޮޅު ކުޅުންތެރިޔަކާ ކުރިމަތިލާން ނުޖެހޭ ކަމަށެވެ. "ހާއްސަކޮށް އޭނާ (މެސީ) ގެ ވައަތު ފައިގެ ޖާދޫ އެންމެނަށްވެސް އެނގޭނެ" މެސީއަށް ތައުރީފް ކުރަމުން ވަރާން ބުންޏެވެ.

ކެރިޔަރުގައި ކުރިމަތިލާން ޖެހުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީކަމަށް ވަރާން ބުނެފައި މިވަނީ، ވަރާންއާއެކު އެއްކަލަބަކަށް ގިނަ ދުވަސްތަކެއް ވަންދެއް ކުޅުނު އަދި މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ގައުމީ ޓީމު ލެވެލްގައި ވަރާން ކުޅުމަށްފަހުކަން ފާހަގަ ކޮށްލެވެއެވެ.

މިބަސްދީގަތުމުގައި ވަރާން ވަނީ އޭނާގެ ކެރިޔަރުގައި އެކުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކީ ކާކުކަންވެސް ހާމަކޮށްފައެވެ. "އެކުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅީ ރޮނާލްޑޯ" ވަރާން ބުންޏެވެ. ވަރާން އާއި ރޮނާލްޑޯ އެކުގައި ގިނަ ދުވަސްތަކެއް ރެއާލް މެޑްރިޑުގައި ހޭދަކުރިއެވެ. އަދި އޭގަހުން މިހާރު މިދެކުޅުންތެރިން އެކުގައި ކުޅެމުން ދަނީ މެންޗެސްޓަރ ޔުނައިޓެޑަށެވެ.