އިންޑިއާކަނޑުގެ ސަރަހައްދުގައި ޗައިނާއިން ގިނަ އަދަދަކަށް ކަނޑުއަޑީ ޑްރޯންތައް ބޭނުންކޮށްގެން ޗައިނާއިން ޖާސޫސް ކުރަމުންދާކަމަށް އިންޓަރނޭޝަނަލް ބިޒްނަސް މެގަޒިން ފޯބްސްއިން ރިޕޯޓްކޮށްފިއެވެ. ފޯބްސްއިން މަރޗް މަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ޗައިނާގެ ކަނޑުގެ ސަރަހައްދު ދިރާސާކުރާ ޚާއްސަ އުޅަނދު ޝިއާންގޔަންހޮންގ 6 އިން ކަނޑުއަޑީގެ ގިނަ އަދަދެއްގެ ޑްރޯންތައް ޑިސެމްބަރު މަހު އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބޭނުންކޮށްފައިވާ ކަމުގައެވެ.

މިއުޅަނދުތަކުން 3400 ދަތުރުތައް ބާއްވާފައިވާކަމަށްވެސް ފޯބްސްއިން ރިޕޯޓްކޮށްފައި ވެއެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ހަރަކާތްތައް އިތުރު ވުމާގުޅިގެން އިންޑިއާ ކަނޑުގެ ސިފައިން ދަނީ ޚާއްސަ ގޮތަކަށް އިންޑިއާ ކަނޑުގެ ސަރަހައްދު މޮނީޓަރ ކުރަމުންނެވެ.

ހިމާލިޔާގައި ދެ ގައުމުގެ ކުރިމަތި ލުމާ ގުޅިގެން ފާރަލުން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކަނޑުއަޑީގެ މައުދަންތައް ނެގުމަށާއި ކަނޑުއަޑީގެ ސަރަހައްދު ގެ ގުދުރަތީ މުއްސަނދިކަން ވިޔަފާރި ބޭނުމުގެ ހޯދުންތައް ހޯދުމަށް ޗައިނާއިން ދަނީ ވަރަށް ފޯރިއާއެކު ހަރަކާތްތެރިވަމުންނެވެ. މި ކަންކަމުގައި ކަނޑުއަޑީގެ ހަރަކާތްތަކަކީ، ސަބްމެރިން ބޭނުންކޮށްގެން ހަނގުރާމަ ހިންގުމާއި އަދި ސަބްމެރިންއާ ދެކޮޅަށް ހަނގުރާމަ ހިންގުމުގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރެވިދާނެ ހަރަކާތްތަކެކެވެ.

ފޯބްސްގެ ރިޕޯޓް ބުނާ ގޮތުން ޑިސެމްބަރު މަހު ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ފޮނުވާލި ޑްރޯންތައް ނަގާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. ފޯބްސް މެގަޒިންގެ ރިޕޯޓްގެ ސައްހަ ކަމާމެދު އެއްޗެއް ބުނާކަށް ނޭނގޭކަމަށް އިންޑިއާގެ ކަނޑުގެ ސިފައިން ބުނެއެވެ.

ނަމަވެސް ޗައިނާގެ ޖާސޫސީ އުޅަނދުތައް އިންޑިއާއިން ބަލަހައްޓާ އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަނުމުން ދޭތެރޭދޭތެރޭން އިންޑިއާގެ ކަނޑުގެ ސިފައިން ފައްސާލާކަމަށް އެފަރާތުން ބުނެއެވެ. އަދި އާދަވެގެން މި ސަރަހައްދުގައި އަބަދުވެސް ޗައިނާގެ ހަތަރު ފަސް އުޅަނދެއް ކަނޑު ދިރާސާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް އިންޑިއާއިން ބުނެއެވެ.

ޗައިނާ އުޅަނދުތަކުން ކަނޑުގެ އަޑީގެ ފިނި ހޫނު މިނާއި، ސަބްމެރިން ދަތުރުތަކަށް އެންމެ އެކަށީގެންވާ މަގުތައް ހޯދުންފަދަ ކަންތައްތައް އަބަދުވެސް މި ސަރަހައްދުގައި ކުރަމުންދެއެވެ.

އިންޑިއާގެ ނޭވީ ޗީފް އެޑްމިރާލް ކަރަމްބީރު ސިންގ ވިދާޅުވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުވެސް އަންޑަމާން ނިކޮބާރު ސަރަހައްދަށްވެސް ޗައިނާގެ ޝީޔާން1 އުޅަނދު ވަނުމުން އިންޑިއާއިން ވަނީ އެ އުޅަނދު ފައްސާލާފައެވެ. އަދި އިންޑިއާގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ 200 މޭލް ސަރަހައްދަށް ޗައިނާ އުޅަނދުތައް ކައިރިވިޔަ ނުދިނުމަށް އަބަދުވެސް ކޯސްޓްގާޑުން ޕެޓްރޯލް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ވަނީ މުޅި އިންޑިއާ ކަނޑު ވަށާލުމުގެ ވިސްނުމުގައި އެފްރިކާގެ ޖިބޫޓީން ފެށިގެން ޕާކިސްތާންގެ ކަރާޗީއާ ހަމައަށްވާ ސަރަހައްދުގައި ހަރަކާތްތެރި ވެވޭ ގޮތަށް ސްތްރެޓެޖީތައް ރާވާފައެވެ. އަދި މި ސަރަހައްދަށް ނިއުކްލިއަރ ސެބްމެރިންއާއި އާދައިގެ އަސްކަރީ އުޅަނދުތައްވެސް ފޮނުވައި ކަނޑު ފޭރުމާ ދެކޮޅަށް ޕެޓްރޯލް ކުރަމުންވެސް ގެންދެއެވެ. މިއާއެކު، ޗައިނާގެ އަސްކަރީ ހަރަކާތްތައް ވަނީ އިތުރު ވެފައެވެ. ޗައިނާއިން ދަނީ ކަނޑުގެ ސަރަހައްދުގައި ދުނިޔޭގެ ސުޕަރޕަވަރއަށްވެ، އެމެރިކާ ފަހަނައަލައި ކުރިއަށް ދިއުމުގެ މަގުމަތީގައެވެ.