ދަނޑެއްކަހަލަ ތަނެއްގައި، އޮށޯވެލައިގެން އަރާމުކުރަށް އޮތް އަންހެނެއްގެ ގައިމަތީގައި ހަރުފައެއް އޮތް ވީޑިއޯ އެއް މީސްމީޑިއާ ގައި ދަރުވާން ފެށުމުން، އެ ވީޑިއޯއަށް ގިނަބައެއްގެ ސަމާލުކަން ލިބިެއްޖެއެވެ.

މި ވީޑިއޯ ނަގާފައިވަނީ އިންޑިއަން ފޮރެސްޓް ސާވިސްގެ (އައިއެފްއެސް) އޮފިސަރެއްކަމަށްވާ، ސުސަންތާ ނަންދާ އެވެ. ވީޑިއޯގައި ފެންނަނީ އަންހެންމީހާގެ ބުރަކަށީގައި ހަރުފަ އޮށޯވެ ލައިގެން އޮތްތަނެވެ. އަދި އަންހެންމީހާ އެހީއަށް އެދި ގޮވާ އަޑު އިވެއެވެ. ދެން ކުޑައިރުކޮޅަކުން ހަރުފަ އޭނަގެ ގައިމަތިން ފައިބައިގެން ދާތަންވެސް އެ ވީޑިއޯގައި ފެނެއެވެ. ވީޑިއޯއާއި އެކު ލިޔެފައިވާ ލިޔުންކޮޅުގައި ބުނާގޮތުން ހަރުފަ އެ އަންހެންމީހާއަކަށް އެއްވެސް ގެއްލުމެއް ނުދެއެވެ.

މި ވީޑިއޯ ބެލި ބައެއް މީހުން ލިޔެފައިވަނީ މިއީ އިންޑިއާގެ ކަރުނާޓަކާ ސަހަރުގެ އަވަށެއްގައި ހިނގި ހާދިސާއެއް ކަަމަށެވެ.