ޕާކިސްތާންގެ އިދިކޮޅު ލީޑަރުން ސަރުކާރަށް ފާޑުކިޔުމަކީ ޕާކިސްތާންގައި ގަބޫލުކުރެވިފައިވާ ޑިމޮކްރެޓިކް ހަމަތަކުގެ ތެރޭން ކަމެކެވެ. އެހެންނަމަވެސް ޕާކިސްތާންގެ ސިޔާސީ ލީޑަރުން ސިފައިންނަށް ފާޑު ކިޔުމަކީ އާދަޔާ ޚިލާފް ކަމެކެވެ. މިހާރު ޕާކިސްތާންގައި ސިފައިންނަށް ފާޑު ކިޔުމަކީ އާންމު ކަމެކެވެ.

"ޖެނެރަލް ގަމަރު ބާޖްވާ! ތިބާ ވަނީ އަހަރެންގެ ސަރުކާރު ވައްޓާލާފައި. އަދި އަމިއްލަ އެދުމަށް ސަރުކާރެއް ވެރިކަމަށް ގެނަސްފައި." ލަންޑަންގައި ހުންނަވައިގެން އިދިކޮޅު ލީޑަރުން ގުންޖަރުވާލާގައި ބޭއްވި ފުރަތަމަ އެއްވުމުގައި ނަވާޒް ޝަރީފް ވިދާޅުވިއެވެ.

"ޖެނެރަލް ބާޖްވާއަކީ 2018ގެ އިންތިޚާބު އޮޅުވާލުމުގައި ޒިންމާވާ ފާރާތް. މީޑިއާ ކޮންޓްރޯލް ކުރުމާއި، ނޫސްވެރިން ވަގަށް ނެގުމާއި، އޭނާ ބޭނުން ގޮތަކަށް ޙުކުމް ނެރުމަށް ފަނޑިޔާރުންނަށް މަޖުބޫރު ކުރުވާ މީހާ" ނަވާޒް ޝަރީފް ވިދާޅުވިއެވެ.

ނަވާޒް ޝަރީފްއަކީ ތިން ފަހަރުމަތިން ޕާކިސްތާންގެ ބޮޑު ވަޒީރެވެ. އޭނާ ދެކެވަޑައި ގަންނަވާ ގޮތުގައި ޕާކިސްތާންގެ މައިގަނޑު މައްސަލައަކީ، ސިފައިން ސިޔާސީ ކަންކަމާ ބެހުމެވެ. އަދި ސިޔާސީ ކަންކަން ހިންގުމުގައި އެމީހުން ނަގާފައިވާ ޣެއިރު ދުސްތޫރީ ބާރެވެ.

ޕާކިސްތާނުގައި ސިޔާސީ ކާރިސާތައް މަދެއް ނޫނެނެވެ. އެހެންނަމަވެސް މިކަންކަމަށް ޝަރީފް ބަދު ބަސް ވިދާޅުވަނީ ބޮޑު ވަޒީރު އިމްރާން ޚާނަކަށް ނޫނެނެވެ. ސިފައިންނަށެވެ.

ޕާކިސްތާންގައި 2018ގައި ބާއްވާފައިވާ އާންމު އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތަކީ އިދިކޮޅުގެ މައިގަނޑު މައުޟޫއެވެ. ކޮންމެ އެއްވުމެއްގައި ވެސް އެންމެ ގަދައަށް ހުރިހައި ލީޑަރުންވެސް ދައްކަވާ ވާހަކައެވެ.

ޕާކިސްތާންގެ ޖަމްޢިއްޔަތޭ އުލަމާއޭ އިސްލާމް (ފަޒުލު)ގެ ރައީސް މައުލާނާ ފަޒުލުއްރަޙްމާން ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު އިމްރާން ޚާން ލަދުވެތިވެ ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ބޮޑު ވަޒީރަށް ރަނގަޅުވާނީ އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަތުން ކަމަށެވެ. މިއީ އިދިކޮޅު ޕާޓީތަކުން އެންމެ ފަހުން ބާއްވާފައިވާ ބައްދަލުވުމުގައި ބައިވެރިންނާ މުޚާތަބު ކުރައްވައި ފަޒުލު ވިދާޅުވި ވާހަކަފުޅެވެ.

މައުލާނާ ފަޒުލު ވިދާޅުވީ ވަރަށް ސާފުކޮށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާނީ، އިންތިޚާބުން ވައްކަން ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބީ ކޮންބައެއްކަން އެނގޭ ކަމަށެވެ. އެމީހުންނަކީ ނަން ކިޔޭނެ ބައެއް ނޫންކަމަށްވެސް މަލާމާތުގެ ރާގަކަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު ބިލާވަލް ބުއްޓޫ ޒަރްދާރީވެސް ވިދާޅުވެފައިވަނީ، އިމްރާން ޚާނަކީ ސިފައިންގެ ގޮނޑިކޮއްކޮއެއް ކަމަށެވެ.

ޕާކިސްތާންގެ އިދިކޮޅު ފަރާތްތަކުން ވަނީ ގުޅިގެން 11 ޕާޓީ ހިމެނޭ ސިޔާސީ އިއްތިހާދެއް އެކުލަވާލާފައެވެ. މިއިއްތިހާދަކީ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓެވެ. ގުންޖަރުވާލާގައި މި ޕާޓީތަކުން ބޭއްވި ފުރަތަމަ ބައްދަލުވުމުންވެސް އިދިކޮޅަށް އޮތް ތާއީދު ދައްކާލާފައި ވެއެވެ.

އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އެމީހުންގެ ސިޔާސީ އެއްވުންތައް ނިންމާލާނީ 2021ގެ މާޗް މަހު އިސްލާމްއާބާދުގައި ބޮޑު އެއްވުމެއް ބާއްވަމުންނެވެ.

ޕީޝާވަރުގައި ވާހަކަ ދައްކަވަމުން އިކޮޅުގެ އެންމެ ފަހުގެ އެއްވުމުގައި މައުލާނާ ފަޒްލު ވިދާޅުވީ، ސިފައިންނަށް އިޙުތިރާމް ކުރައްވާ ކަމަށެވެ. އެއީ ގައުމުގެ ދިފާއީ މުއައްސަސާކަމަށެވެ. ސިފައިން، ސިޔާސީ މަސައްކަތަށް ވަންނަނީނަމަ ސިފައިންވެސް ފާޑުކިޔުންތައް ބަލައި ގަންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"މިއަދުވެސް ސިފައިންނަށް މިއަންގަނީ، މިސަރުކާރަށްދޭ ތާއީދު ހުއްޓާލާށޭ! ބުނާށޭ މިއީ ތިމަންމެންގެ ސަރުކާރެއް ނޫނޭ! އަހަރަމެންނާ ބައިވެރިވެގެން މި ސަރުކާރު ކުށްވެރި ކުރާށޭ! އެއިރުން ސިފައިން ވެގެންދާނީ އަހަރަމެންގެ އަޚުންނަށޭ!" ސިފައިންނަށް އިޝާރާތް ކުރައްވަމުން މައުލާނާ ފަޒުލު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ފެށި އެއްވުންތަކަކީ އިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް ފެށި އެއްވުންތަކެކެވެ. ނަމަވެސް މިއެއްވުންތައް މަޑުމަޑުން މިހާރު ވަނީ ސިފައިންނާ ދެކޮޅު އެއްވުންތަކަކަށް ވެފައެވެ.

ސިފައިންނަށް ނަވާޒް ޝަރީފް ފާޑު ވިދާޅުވުމަކީ ވެސް ހައިރާން ވާން ޖެހޭ ކަމެކެވެ. ޝަރީފަކީ، ޕަންޖާބް ޕްރޮވިންސްގެ ބޭފުޅެކެވެ. ޕަންޖާބަކީ ސިފައިންނަށް ތާއީދު ބޮޑު ސަރަހައްދެކެވެ. ގިނަ ޖެނެރަލުންނާއި ސިފައިންނަކީ ޕަންޖާބްގެ މީހުންނެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ނަވާޒް ޝަރީފް ސިފައިންނަށް ފާޑު ވިދާޅުވުމަކީވެސް ޕާކިސްތާންގެ ސިޔާސީ ތާރީޚްގެ އައު ސޮފްހާއެކެވެ.

މިހާރު ބޮޑު ވަޒީރަށް ކިޔޭ ކޮންމެ ފާޑު ކިޔުމަކާއެކު ސިފައިންނަށް ފާޑު ކިޔުމެއް އާދެއެވެ.

ސިފައިން ސިޔާސީ ކަންކަމުގައި އުޅެނީ ކީއްވެގެންހޭ ސުއާލު ކުރައްވަމުން ޕީޝާވާރުގެ ބައްދަލުވުމުގައި މައުލާނާ ފަޒުލު ސިފަ ކުރެއްވީ އިމްރާން ޚާނަކީ ޕާކިސްތާންގެ ޓްރަމްޕް ކަމަށެވެ. އެމެރިކާ މީހުން ޓްރަމްޕަށް ނޫނެކޭ ބުނިގޮތަށް ޕާކިސްތާން މީހުންވެސް އިމްރާން ޚާނަށް ނޫނެކޭ ބުނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޯން ނޫހުން މައުލާނާއާ ހަވާލާދީ ބުނެފައިވަނީ ދުނިޔެއިންވެސް ޓްރަމްޕަށް އިތުބާރު ނުކުރާފަދައިން އިމްރާން ޚާނަށްވެސް އިތުބާރު ކުރާކަށް ބޭނުމެއް ނުވެއެވެ.

ޕާކިސްތާންގައި ސިފައިން ހަރަކާތްތެރިވަނީ ސިޔާސީ މައިދާނުގަ އެކަންޏެއް ނޫނެވެ. އެމީހުން އިގްތިސާދީ ކަންކަމުގައިވެސް ހަރަކާތްތެރިވެއެވެ.

ޕާކިސްތާންގެ އާބާދީއަށްވެސް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. މުހައްލިލުން ދެކޭ ގޮތުގައި އައު ސިޔާސީ ބަދަލުގެ ސަބަބަކީ މިއީއެވެ. ޕާކިސްތާންގެ މެދު ފަންތިއަކީ މިހާރު އާބާދީގެ 42 އިންސައްތައެވެ. މުހައްލިލުން ދެކޭ ގޮތިގައި އިތުރުވެފައިވާ މެދުފަންތީގެ އެކްޓިވިޒަމްގެ ފައިދާ ނަގައިގެން ނަވާޒް ޝަރީފް އައު ގޮތަކަށް ސިފައިންނާ ދެކޮޅަށް ނިކުންނެވީއެވެ. ކުރިން ސަރުކާރުތައް ވައްޓާލަނީ ސިފައިންނެވެ. މިހާރު ސިފައިންގެ މުއައްސަސާގެ ގަދަރު ކުޑަ ކޮށްލަނީ ސިޔާސީ ލީޑަރުންނެވެ.

ކުރީގެ ޖެނެރަލުން ދެކޭ ގޮތުގައި މިމަސްރަހުގައި ސިފައިންނަށް އެންމެ އެކަށީގެންވަނީ ސިޔާސީ ލީޑަރުންނާއެކު މަޝްވަރާއަށް ދިއުމެވެ. އެކަމަކު މިއީ ޝަރީފް އެއަށް ރުހިވަޑައިގަންނަވާނެ ފިޔަވަޅެއް ނޫންކަމަށް ސިފައިންގެ ކުރީގެ ޖެނެރަލުން ދެކެވަޑައި ގަންނަވައެވެ.