އިޓާލިއަން ސީރިއޭގައި ރޭ އަލަށް ވާދަކުރަމުން އަންނަ މޮންޒާ އެފްސީ 0-3 އިން ބަލިކޮށް މަޝްހޫރު ކޯޗް ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާ ވަގުތީ ގޮތުން ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.

ރޯމާގެ މަޝްހޫރު އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އެޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ ޔުވެންޓަސް ދޫކޮށް މިސީޒަނުގައި އެކްލަބާ ގުޅުނު އާޖެންޓީނާގެ ޕްލޭމޭކަރ ޕައުލޯ ޑިބާލާއެވެ. ޑިބާލާ ދެލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ. އަނެއް ލަނޑު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު ރޮޖާ އިބަނެޒްއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ކުރި ވަގުތީ ގޮތުން ރޯމާއަށް ލިބެނީ 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 9 ޕޮއިންޓާއެކު އޮތީ އިންޓަމިލާނެވެ. އިންޓަމިލާން ރޭ ވަނީ ލީގުގައި މިސީޒަނުގައި އަލަށް ވާދަކުރަމުން އަންނަ ކްރެމޮނީސް އަތުން 3-1 އިން މޮޅުވެފައެވެ. ލަނޑުތައް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ޖޯގުއިން ކޮއްރިއާ އާއި ލައުރާޓޯ މާޓިނޭޒް އަދި އިޓަލީގެ ނިކޮލޯ ބަރެއްލާއެވެ. އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާން ރޭ ސުސޫލޯއާ ވާދަކުރި މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.