މަކަރާއި ހީލަތުން ފައިސާހޯދުމުގެ މައްސަލަތަކުން ރައްކާތެރިކުރުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލުމާތު ދިނުމަށް، ފުލުހުން ގދ. ފަރެސް މާތޮޑާގައި، ޕްރޮގްރާމެއް ހިންގައިފިއެވެ.

މިމަހު 29 ގައި، ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ ޕްރޮގުރާމުގައި ގޭ ބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

އެގޮތުން މަކަރާ ހީލަތުން ފައިސާ ހޯދުމުގައި ހަރަކާތްތެރިވާ މީހުން އާންމުކޮށް ދައްކާ ވާހަކަތަކާއި ފައިސާ ހޯދުމަށް ގެންގުޅޭ އުކުޅުތައް ބުނެދިނެވެ. އަދި އެކަމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރަށް ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ނެއިބަ ހުޑް ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމަށް އަވައްޓެރި ފުލުހުންގެ ކޮމިޔުނިޓީ ވައިބަރ ގުރޫޕެއްވެސް، ފަރެސް މާތޮޑާގައި އެކުލަވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ވަިބަރ ގުރޫޕް މެދުވެރިކޮށް، ރައްޔިތުން ހޭލުންތެރިކުރުމުގެ އެކި މައުލޫމާތުތައް ދެމެހެެއްޓެނިވި ގޮތެއްގައި ރައްޔިތުންންށް ފޯރުކޮށްދެވޭނެކަމަށްވެސް ފުލުހުން ހާމަ ކުރިއެވެ.