އިނގިރޭސި ޕްރިމިއަރ ލީގުގައި މީގެ ދެހަފްތާ ކުރިން ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ 2-2 އިން އެންމެފަހު ވަގުތު އެއްވަރުވި މެޗަށްފަހު ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް މެޗުގެ ރެފްރީއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އިނގިރޭސި އެފްއޭއިން އޭނާ 200،000 (ދެލައްކަ ޕައުންޑް) ޕައުންޑުން ޖޫރިމަނާ ކޮށްފިއެވެ.

މިމެޗުގައި ރެފްރީކަން ކުރި ޓޭލާއަށް ޓުޗެލް ފާޑުކީ، މެޗުގެ އެންމެފަހު ވަގުތު ޓޮޓެންހަމްގެ ކެޕްޓަން ހެރީކޭންގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުގެ ކުރިން ޓޮޓެންހަމްގެ ކުޅުންތެރިން ކުރި ފައުލްތަކަށް ރެފްރީ އަޅައި ނުލުމުންނެވެ. މިއީ މިސީޒަނުގައި ޓުޗެލް ޖޫރިމަނާ ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެފްއޭއިން ވަނީ މިމެޗުގައި ޓޮޓެންހަމްގެ ކޯޗް އެންޓޯނިއޯ ކޮންޓޭއާ ދެމެދު ހިނގި ހަމަނުޖެހުމާއި ގުޅިގެންވެސް ޓުޗެލް 35،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. މިމެޗުގައި މިދެކޯޗުންނަށް ރަތްކާޑް ދައްކައި ބެންޗުންވެސް ފޮނުވާލިއެވެ.

މިސީޒަނުގައި އަދި ރަނގަޅު ފޯމަކަށް އެޅިފައި ނުވާ ޗެލްސީއިން އެންމެފަހުން ލީގުގައި ރޭ ކުޅުނު މެޗުގައި 2-1 އިން ވަނީ ސައުތެމްޓަން އަތުން ބަލިވެފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ލިބުނު 7 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ 8 ވަނައިގައެވެ.