ބާސްމަތީ ހަނޑުލަކީ އިންޑިއާގައި އުފައްދާ ބާވަތެއްގެ ހަނޑުލެއްކަމަށް ރެޖިސްޓްރީ ކުރުމަށް މަސައްކަތް ކުރުމުން ޕާކިސްތާނުގެ ސަރުކާރުން ތާސް ހޫނުކުރަން ފަށައިފިއެވެ.
އިންޑިއާ ސަބްކޮންޓިނެންޓުން ޔޫރަޕަށް ބޭރުކުރާ ބާސްމަތީ ހަނޑުލަށް 2006 ވަނަ އަހަރުން ފެށިގެން ވިލާތު އިއްތިހާދުން ވަނީ ސުން ރޭޓްގައި ޑިއުޓީ ނެގުމަށް ނިންމާފައެވެ. ވިލާތު އިއްތިހާދުގެ ގައުމުތަކަށް ގެންދާ ބާސްމަތީ ހަނޑުލުގެ ތިން ބައިކުޅަ ދެބަޔަކީ، އުތުރުކަރައިން ބޭރުކުރާ ތަކެއްޗެވެ. ދެން ހުރި ބައިތަށް ބޭރުކުރަނީ ޕާކިސްތާނުންނެވެ.
އިންޑިއާ ސަރުކާރުން ވިލާތު އިއްތިހާދަށް ހުށަހަޅާފައި ވަނީ ބާސްމަތީ ހަނޑުލުގެ ހަމަމއެކަނި "ޖިއޮގްރެފިކަލް އިންޑިކޭޝަން" ޖީއައި ގެ ހައިސިއްޔަތު ލިބިގެންވަނީ އިންޑިއާއަށް ކަމަށެވެ. މި މައްސަލަ ވެގެން ދިޔައީ ޕާކިސްތާން ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ލިބުނު ސިހުމަކަށެވެ.
އިންޑިއާއިން ހުށަހަޅާފައިވާ ޖީއައި އެޕްލިކޭޝަންގައި ބުނެފައިވަނީ، ބާސްމަތީއަކީ ޚާއްސަ ސިފައެއް ލިބިގެންވާ، ޕަންޖާބާއި ހަރިޔާނާއާއި ދިއްލީއާއި ހިމާޗަލް ޕްރަދޭޝްއާއި އުއްތުރަކާންދާއި ހުޅަނގު އުއްތަރަ ޕްރަދޭޝްގައި އުފައްދާ ވައްތަރެއް ކަމަށެވެ.
ޖީއައި ހައިސިއްޔަތު ލިބުމުން ޚާއްސަ ސަރަހައްދުތަކެއްގައި އުފައްދާ މުދަލެއްކަމަށް ކަނޑައަޅައި، ހަމައެކަނި އެ ސަރަހައްދަކަށް ޚާއްސަ އުފެންދުމެއް ކަން ފާހަގަ ކޮށް އޭގެ އަގު އެރުވުމަށް ބޭނުންކުރެވޭނެއެވެ.
ވިލާތު އިއްތިހާދުގައި އުފައްދާ ޝެމްޕޭންއާއި ޗީޒާއި އަދި ޖަޕާނުގެ ކޯބޭގެ ގެރިމަސްފަދަ ބާވަތްތަކަކީ އެއަށް ޚާއްސަ ސިފަތަކެއް ލިބިގެންވާ އަގު ބޮޑު އުފެއްދުންތަކެވެ.
2011ގައި ޖީއައި ގެ ހައިސިއްޔަތު ހޯދައިގެން އިންޑިއާގެ ދަރްޖީލިންގ ގެ ސައިފަތް ގިންތި ކުރުމުން މިސައިފަތުގެ އަގު ވަނީ އުފުލިގެން ގޮސްފައެވެ.
މިގޮތަށް ގިންތި ކުރެވޭ އުފެއްދުމެއް އެގިންތިކުރެވޭ ސަރަހައްދަކަށް ނުވަތަ ނިސްބަތް ކުރެވޭ ޖިއޮގްރެފިކަލް ސަރަހައްދު ފިޔަވައި އެހެން ތަނަކަށް ނިސްބަތްކޮށް ލޭބަލެއް ނުކުރެވޭނެއެވެ.
އިންޑިއާގައި ދަނޑުވެރިން ފަނިފަކުސަ މަރާބޭސް ބޭނުންކުރުމާއި އީޔޫގެ މިންގަނޑަށް ނުފެތުމުން އިންޑިއާއިން ބާސްމަތީ ބޭރުކުރާ މިންވަރު ދަނީ ދަށަށެވެ. އިންޑިއާގެ ބާސްމަތީ، އީރާނާއި ސައޫދީއަށާއި މެދުއިރުމައްޗަށް ދެއެވެ. ނަމަވެސް ނިއުދިއްލީގެ މަގްސަދަކީ މިތަންތަނަށް ދާވަރު މަދުކޮށް ވިލާތު އިއްތިހާދުގެ ތެލިތާހަށް އަޅާމިންވަރު ގިނަ ކުރާށެވެ.
ޕާކިސްތާނުން މިދިޔަ ތިން އަހަރުގެ ތެރޭގައި އީޔޫއަށް 300 ހާސް މެޓްރިކް ޓަނުގެ ބާސްމަތީ ބޭރު ކުރިއެވެ.