ބާސެލޯނާ ކުޅެމުންދާ ގެބޯންގެ ބައިނަލްއަގުވާމީ ފޯވާޑް ޕިއެރެ-އެމެރިކް އަބަމަޔަންގް ޗެލްސީއަށް އަދި ޗެލްސީއަށް ކުޅެމުންދާ ސްޕެއިނުގެ ޑިފެންޑަރު މާކޮސް އަލަންސޯ ބާސެލޯނާއަށް ބަދަލުވުމުގެ ޓްރާންސްފާ ކަންކަން ފައިނަލް ސްޓޭޖުގައިވާ ކަމަށް ފުޓްބޯޅައިގެ ޓްރާންސްފާ ހަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

އަބަމަޔަންގް ވިއްކާލުމަށް ބާސެލޯނާއިން އެއްބަސްވީ 14 މިލިޔަން ޔޫރޯ އާއި އަލަންސޯ އެކްލަބަށް ލިބޭ ގޮތަށެވެ. އަބަމަޔަންގް ލިބުމަކީ ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލްއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެންދާނެއެވެ. މިސީޒަނުގައި ވަރަށް އާދައިގެ ނަތީޖާތަކެއް ލިބެމުންދާ ޗެލްސީއަށް މިވަގުތު ބޭނުން ވަނީ ގޯލާ އަބަމަޔަންގް ފަދަ ގޯލާ ރައްޓެހި ފޯވާޑެއް ކަމުގައި ޓުޗެލް ދެކެއެވެ. ޗެލްސީއިން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މިހާތަނަށް 268 މިލިޔަން ޕައުންޑް ހަރަދު ކޮށްފައެވެ.

އަބަމަޔަންގް،33، ބާސެލޯނާއަށް ބަދަލުވީ މިއަހަރުގެ ފެބްރުއަރީ މަހު ޗެލްސީއާ ވާދަވެރި އާސެނަލްގައި ހުރުމަށްފަހުއެވެ. އާސެނަލްގެ ކެޕްޓަންކަންވެސް ކުރި އަބަމަޔަންގް ޗެލްސީއަށް ބަދަލު ވެގެން ދިޔުން ވާނީ ކުރިއަށް އޮތް ތަނުގައި އާސެނަލް އާއި ޗެލްސީ ބައްދަލު ކުރާ މެޗުތައް އިތުރަށް ފޯރިގަދަ ވެގެންދާނެ ސަބަބަކަށެވެ.