މިހާރު ހިނގަމުން މިދާ ޓްރާންސްފާ މާކެޓުގައި މެންޗެސްޓަރ ސިޓީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު ބާނާޑާ ސިލްވާ ބުނެފިއެވެ.

ސިލްވާ، އޭނާ މެންޗެސްޓަރ ސިޓީގައި މަޑު ކުރާނެކަން އިއުލާމް މިކުރީ އޭނާ ގެންދަން ފްރާންސްގެ މުއްސަނދި ކްލަބް ޕީއެސްޖީ އާއި ސްޕެއިނުގެ ގަދަބާރު ބާސެލޯނާއިން މަސައްކަތް ކުރަމުން ދަނިކޮށެވެ. ބާސެލޯނާއަށް ބާނާޑޯ ސިލްވާ ބަދަލުވާން ބޭނުންވާކަން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވެސް ކުރިން ވަނީ ބުނެފައެވެ. އަދި ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒްވެސް ވަނީ ސިލްވާއަށް ޝައުގުވެރިވާކަން ފާޅުކޮށްފައެވެ.

"އަހަރެން ސިޓީގައި މަޑު ކުރަން ނިންމައިފިން. މިއީ އެންމެފަހުގެ ނިންމުން" މިވަގުތު ދުނިޔޭގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ މިޑްފީލްޑަރުން ތެރޭގައި ހިމެނޭ ކުޅުންތެރިޔާ ބުންޏެވެ.

ބާސެލޯނާއިން ސިލްވާ ގަތުމަށް ބިޑް ނުކުރިނަމަވެސް، އޭނާ ގަތުމަށް ޕީއެސްޖީއިން ރަސްމީކޮށް ބިޑްވެސް ކުރިއެވެ. އެކަމަކު ޕީއެސްޖީ ހުށަހެޅި 59 ޕައުންޑުގެ ބިޑަށް ސިޓީއިން ދިނީ ފުރަގަހެއެވެ. އަނެއްކޮޅުން ބާނާޑާ ސިލްވާވެސް ޕީއެސްޖީއަށް ބަދަލުވާން ބޭނުމެއް ނޫނެވެ.