ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ނިމިއްޖެއެވެ. އެ މަސައްކަތްކުރަމުންދާ އެމްޓީސީސީން ވިދާޅުވީ އެމަސައްކަތުގެ 78 ޕަސެންޓް މިހާރުވަނީ ނިމިފައި ކަމަށެވެ. އެކުންފުނީން މަސައްކަތްކުރައްވަނީ ވީހާ ވެސް އަވަހަކަށް އެމަސައްކަތް ނިންމާލައި ރައްޔިތުންނަށް އެތަނުން ޚިދުމަތް ލިބުން އަވަސް ކުރުމެވެ.

އެމްޓީސީސީން ވިދާޅުވީ އެމަސައްކަތުގެ ދަށުން މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 ޕަސެންޓް ވެސް ވަނީ ނިމިފައި ކަމަށެވެ. މި މަޝްރޫޢަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން ވެސް ހިމެެނެއެވެ. އޭގެ އިތުރުން 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.