ރާއްޖެއިން ސްރީލަންކާއަށް އަލަށް ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒަރ، ލެފްޓިނެންޓް ކާނަލް ޙަސަން އާމިރު، ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ، ޖެނެރަލް ކަމާލް ގަނަރަޓްނެގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވި އާ ޑިފެންސް އެޑްވައިޒަރު ލެފްޓިނެންޓް ކާނަލް ޙަސަން އާމިރު ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސްރީލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ މަރުޙަބާ ދަންނަވާފައެވެ. ޑިފެންސް އެޑްވައިޒަރުގެ މި ޒިޔާރާތުގައި އެ މަޤާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކާނަލް އިސްމާޢީލް ނަޞީރު ހުންނަވައިގެން ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ކާނަލް އިސްމާޢީލް ނަޞީރަށް ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ހަރުދަނާވެގެން ދާނެކަމުގައި ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ އިތުރުން އެ ޤައުމުގެ ޑިފެންސް މިނިސްޓްރީގެ މިލިޓަރީ ލިއޭޒަން އޮފިސަރ މޭޖަރ ޖެނެރަލް ދިނޭޝް ނަނަޔައްކަރަ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އައު ޑިފެންސް އެޑްވައިޒަރ، ލެފްޓިނެންޓް ކާނަލް ޙަސަން އާމިރަށް، ސްރީލަންކާގެ ނޭވީ ކޮމާންޑަރ ވައިސް އެޑްމިރަލް ނިޝާންތަ އުލުގެނެން ވަނީ މަރުޙަބާ ދަންނަވާފައެވެ.

ރާއްޖޭގެ އާ ޑިފެންސް އެޑްވައިޒަރަށް ސްރީލަންކާގެ ނޭވީ ކޮމާންޑަރ މަރުޙަބާ ދެންނެވީ އެގައުމުގެ ނޭވީ ހެޑްކްއޯޓަރޒްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންްސް އެޑްވައިޒަރުގެ މަޤާމަށް އަލަށް އައްޔަންކުރެއްވި ލެފްޓިނެންޓް ކާނަލް ޙަސަން އާމިރަށް މަރުޙަބާ ދެންނެވުމުގެ އިތުރުން އެ މަޤާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރު، އެ މަޤާމުގައި ހުންނަވައިގެން، ސްރީލަންކާގެ އަސްކަރިއްޔާއާ ބެހެއްޓެވި ގާތްކަމާއި އެއްބާރުލުމާއި މަޤާމުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ސްރީލަންކާގެ ނޭވީ ކޮމާންޑަރު ވަނީ ކާނަލް އިސްމާޢީލް ނަޞީރަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށް ފަހު ދެ ފަރާތުގެ މެދުގައި މެމޮންޓޯ ބަދަލުކުރައްވާފައިވެއެވެ.

މީގެ އިތުރުން އައު ޑިފެންސް އެޑްވައިޒަރ ލެފްޓިނެންޓް ކާނަލް ޙަސަން އާމިރާއި، ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް އިސްމާޢީލް ނަސީރު، ވަނީ ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ޝަވެންދްރާ ސިލްވާއާ ބައްދަލުކުރައްވައިފައެވެ.

ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފްގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރުގެ ޚިދުމަތާއި، ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމުގައި ބެހެއްޓެވި އަހައްމިއްޔަތުކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ސްޓާފް ވަނީ ކާނަލް އިސްމާޢީލް ނަޞީރަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ޑިފެންސާ ގުޅުން ހުރި ކަންކަން އިންތިޒާމުކުރެއްވުމުގައި ޓްރައި ސަރވިސަސްއާއެކު ބޭއްވެވި ބަދަހި ގުޅުން ފާހަގަކުރައްވައި، ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ދިވެހިރާއްޖެއިން އަލަށް އައްޔަންކުރެއްވި ލެފްޓިނެންޓް ކާނަލް ޙަސަން އާމިރަށް ޗީފް އޮފް ޑިފެންސް ސްޓާފް ވަނީ މަރުޙަބާ ދަންނަވައި، ކާމިޔާބަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ބަދަހި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ތަމްރީނުގެ ފުރުސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމަށް ފަހު ދެ ފަރާތުގެ ދެމެދުގައި މެމޮންޓޯ ބަދަލުކުރައްވާފައިވެއެވެ.