އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ވަރުގަދަ ލިވަޕޫލާއި 0-0 އިން ވާދަވެރި އެވަޓަނުން އެއްވަރު ކޮށްފިއެވެ.

"މާސޭސައިޑް ޑާބީ" ގެ ނަމުން މަޝްހޫރުވެފައިވާ މިދެޓީމު ބައްދަލު ކުރާ މެޗުތަކީ ފޯރިގަދަ ކުރިމަތިލުންތަކަކަށް ވާއިރު މިމެޗްވެސް ވެގެންދިޔައީ ފޯރިގަދަ ކުރިމަތި ލުމަކަށެވެ.

މިމެޗުގައި އެވަޓަންގެ ތަރިޔަކަށް ވެގެންދިޔައީ އިންގްލެންޑް ގައުމީ ޓީމުގެވެސް ކީޕަރު ޖޯޑަން ޕިކްފޯޑެވެ. ހުށިޔާރުކަމާއެކު ގިނަ ހަމަލާތަކެއް އޭނާ ދިފާއު ކުރިއިރު ލިވަޕޫލްއިން ފޮނުވާލި ބައެއް ހަމަލާތަކުގެ ހުރަހަކަށްވީ ގޯލު ދަނޑިއެވެ.

މިމެޗުން އެއްވަރުވުމުން ލިވަޕޫލަށް މިވަނީ މުހިއްމު ދެޕޮއިންޓް ގެއްލިފައެވެ. މިއާއެކު މިހަފްތާގެ މެޗުތަކަށްފަހު ލިވަޕޫލް، ޕޮއިންޓް ޓޭބަލްގެ 10 ވަނައަށް ވެއްޓުމުގެ ބިރު އޮބައޮތެވެ. މިހާތަނަށް ކުޅުނު 6 މެޗުން ލިބުނު 9 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލުގެ 5 ވަނައިގައެވެ. ތާވަލުގެ 10 ވަނައިގައި އޮތް ޗެލްސީއަށް 5 މެޗުން 7 ޕޮއިންޓް ވަނީ ލިބިފައެވެ. އެވަޓަންއަށް ބަލާއިރު އެޓީމު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ.

ލީގުގައި މިސީޒަނުގައި ލިވަޕޫލުން ކުޅުނު 6 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ 2 މެޗުންނެވެ. 3 މެޗުން އެއްވަރުވެފައިވާއިރު 1 މެޗުން ވަނީ ބަލިވެފައެވެ.