ތައިލެންޑުގެ ޖަމްބޯ ފޯވާޑީން ކޯ ލިމިޓެޑުން ޖަންބޯ ބޮކްސްގެ ޚިދުމަތް ތައާރަފް ކޮށްފިއެވެ. މިއީ އޮންލައިންކޮށް އޯޑަރު ދިނުމުން މުދާ ފޮނުވައިދޭ އަވަސް ޚިދުމަތެކެވެ. އެކުންފުނީން ވިދާޅުވީ އޯޑަރު ދިނުމުން ކަސްޓަމަރު ބުނާތަނަކަށް އެ މުދަލެއް އަވަހަށް ފޮނުވައިދޭނޭ ކަމަށެވެ.

"އޯޑަރު ދިނުމުން އެމީހަކު ހުރިތަނަކަށް ނުވަތަ ބުނިތަނަކަށް އެ މުދަލެއް ފޮނުވައިދޭނަން. އެއީ މާލެ ކަމަށް ވިޔަސް އައްޑޫ ކަމަށްވިޔަސް ކުޅުދުއްފުށި ކަމަށް ވިޔަސް އަދި ރާއްޖޭގެ ކޮންމެ ހިސާބަކަށް ވިޔަސް އެ މުދަލެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން އިރާދަ ކުރެއްވިއްޔާ،"
މެނޭޖިންޑިރެކްޓަރ އިސްމާޢީލް މޫސާ (ޖަންބޯ)

އޭނާ ވިދާޅުވީ ބެންކޮކާއި، މެލޭޝިޔާއި، ޗައިނާއި، ސްރީލަންކާގެ ކޮންމެ ތާކުން ވިޔަސް އެ މުދަލެއް ކަސްޓަމަރު އެދޭ ތަނަކަށް ފޮނުވައި ދެވޭނޭ ކަމަށެވެ.

މި ޚިދުމަތް މެދުވެރިކޮށް މެލޭޝިއާއިން ރާއްޖެއަށް މުދާ ގެންނަ ފަރާތްތައް ކިލޯއަކަށް ދައްކަންޖެހެނީ އެންމެ ދިހަ ޑޮލަރެވެ. ސްރީލަންކާއިން މުދާ ގެންނަ ފަރާތްތަކުން ކިލޯއަކަށް ދައްކަންޖެހެނީ އެންމެ ފަސް ޑޮލަރެވެ. ޗައިނާއިން މުދާ ގެންނަ ފަރާތަކުން ކިލޯއަކަށް ދައްކަންޖެހެނީ އެންމެ އެގާރަ ޑޮލަރެވެ. ބެންކޮކުން މުދާ ގެންނަ ފަރާތަކުން ކިލޯއަކަށް ދައްކަންޖެހެނީ ދިހަ ޑޮލަރެވެ.

"އަޅުގަނޑުމެންގެ މި ޚިދުމަތަކީ ވީހާ ވެސް އަވަހަކަށް ކަސްޓަމަރާ ހަމައަށް މުދާ ފޯރުކޮށްދިނުމަށް ތައާރަފްކުރި ޚިދުމަތެއް. އެގޮތުން ކަސްޓަމަރުގެ ގެއާހަމައަށް އެމުދަލެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،"
އިސްމާޢީލް މޫސާ (ޖަންބޯ)

ގޭގައި ތިބެގެން އޮންލައިންކޮށް އޯޑަރު ދިނުމުން ޝެއިން އާއި އެޗުއެމްއެން ފަދަ ބޮޑެތި އޮންލައިން ޝޮޕިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރު ބޭނުންވާ ތަނަކަށް އެ މުދަލެއް ފޯރުކޮށްދޭނޭ ކަމަށް ވެސް އެކުންފުނީން ބުންޏެވެ.