ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ކަމުގައިވާ ކާމީލްދީދީ ޕްރައިމެރީ ސްކޫލް މިއަދު ހެނދުނު ހުޅުވައިފިއެވެ. ހެދުނު އޮތް ރަސްމިއްޔާތުގައި މި ސްކޫލު ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.
ހުޅުމާލެ ފޭސް 2ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހުޅުވި ކާމިލް ދީދީ ޕްރައިމެރީ ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް 1 އިން 6 އަށެވެ. އަދި ފައުންޑޭޝަން ސްޓޭޖްގެ އެލް ކޭޖީ ޔޫކޭޖީގެ ކުލާސްތައްވެސް މި ސްކޫލުގައި އޮންނާނެއެވެ.
ކާމިލްދީދީ ޕްރައިމެރީ ސްކޫލް ހުޅުވުނުއިރު އެ ސްކޫލްގެ ރަޖިސްޓްރީގައި 824 ދަރިވަރުންނާއި 47 ޓީޗަރުން ތިބިކަމަށް މިނިސްޓްރީއޮފް އެޑިއުކޭޝަނުން މައުލޫމާތު ދެއްވިއެވެ.
މިސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރްއޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވީ ކާމިލްދީދީ ޕްރައިމެރީ ސްކޫލު ހުޅުވުމުން ހުޅުމާލޭ ދެވަނަ ފިަޔަވަހީގެ އާބާދީއަށް ވަރަށް ބޮޑެތި ފަސޭހަތަކެއްވެގެން ދާނެކަމަށެވެ. "މާ ދުރުގައި ހުރި ސްކޫލަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާފައި މަދު މިނެޓުކޮޅަކުން ދަރިފުޅު މިހާރު ސްކޫލަށް ލެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްޞަ ކުރެވިގެން ހުޅުވަން ހަމަޖެހިފައިވާ ޞަލާޙުއްދީން ސްކޫލްގައި ދިރާސީ އާ އަހަރުގެ ދެވަނަ ޓާމުގައި ކިޔެވުން ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ގްރޭޑް 1 އިން 10 ހަމައަށް ކިޔަވައިދޭނެ ސްކޫލެކެވެ.
މިއަދު ހުޅުވުނު ކާމިލްދީދީ ޕްރައިމެރީ ސްކޫލް ނިސްބަތްވަނީ ދިވެހިބަހުން އެންމެ ފުރަތަމަ ދިގު ވާހަކައެއް ލިއުއްވި އަހުމަދު ކާމީލްދިދީ އަށެވެ. އެމަނިކުފާނަކީ ދިވެހި ބަހުން އެތައް ފޮތްތަކެއް ލިއުއްވި މޮޅު އަދީބެކެވެ. . އަދި ރާއްޖޭގެ ރައްޔިތުންނަށް ޢިލްމު އުނގަންނައިދެއްވުމަށް މަސައްކަތްކުރެއް މުރައްބީއެކެވެ. އަދި ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރަކީވެސް އަލް އުސްތާޒް އަހުމަދު ކާމިލް ދީދީއެވެ.