މި އަހަރުގެ 2 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ސެޕްޓެންބަރު 10 އިން 12 އަށް ލ. ގަމުގައި ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ވިއަވަތި ރާއްޖެ އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

މި ކޮންފަރެންސްގައި ބައިވެރިވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނެވެ. މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބޭފުޅުން މިފަހަރުގެ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކަށް. އެއީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުމެވެ.

ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ކޮންފަރެންސްގެ ބައިވެރިންނާއެކު ގުޅުންބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް 10 ސެޕްޓެމްބަރ ވަނަ ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.