އައްޑޫ ސިޓީ ހިތަދޫ ގެއަކުން ވަގަށް ނަގާފައިވާ ބައެއް ސާމާނު ހޯދައިފި ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވެއްޖެއެވެ.

އެތަނުން މިއަދު ވިދާޅުވީ އެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހިތަދޫގެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެތަން ފާސް ކުރުމުގެ ތެރޭގައި ވަގަށްނަގައިފައިވާ ކަމަށް ޝައްކުކުރެވޭ ގިނައަދަދެއްގެ މޯބައިލް ފޯންތަކަކާއި އިލެކްޓްރޯނިކްސް އާލާތްތަކެއް ވަނީ ހޯދާފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެތަކެތި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން އެއްވެސް މީހަކަު ބަންދު ކޮށްފައިވާ ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ވިދާޅު ނުވެއެވެ.

މި ދުވަސްވަރަކީ އައްޑޫގައި ވެސް ވައްކަމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ދުވަސްވަރެކެވެ. ފުލުހުން ގެންދަނީ މިކަމަށް ޚާއްސަ ސަމާލުކަމެއްދީ ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.