ގައުމަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން އެންމެހާ ރައްޔިތުންނަށް ހަމަހަމައަށް ބެހެންވާނޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާނު އަދި ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

"ހަލި" އަށް މައުލޫމާތު ދެއްވަމުން ޝިދާތާ ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން މިހާރު ހިއްސާ ކުރަމުންދަނީ މަދުބައެއް ކަމަށެވެ. އެހެންކަމުން އެކަމަކީ ބަދަލުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ރާއްޖޭގައި އެބަހުރި ރީތި ފަޅުރަށްރަށާއި އެހާމެ ރީތި ފަޅުތައް. އެހެނަސް އެތަންތަނުގެ ފައިދާ މިލިބެނީ މަދުބަޔަކަށް. އެހެނަސް އެއީ ބަދަލުވާންޖެހިފައިވާ ކަމެއް،" ޝިދާތާ ވިދާޅުވިއެވެ.

އެމްއެންޕީއަށް ވެރިކަމަށް ލިބިއްޖެ ކަމަށްވާނަމަ އެންމެ އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނޭ އެއްކަމަކީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން އެންމެންނަށް ވެސް ހިއްސާ ކުރެވޭނޭ ގޮތަށް ކަންކަން ބައްޓަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެޕާޓީ އުފެދިގެން އައި މައިގަނޑު އެއް ބޭނުމަކީ ހީނަރުވަމުން އަންނަ ގައުމިއްޔަތާއި ރީތި އާދަކާދަތައް އަލުން ދިރުވައި ނެގެހެއްޓުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެފަދަކަންކަން ވެސް ކުރެވޭނީ ފުދުންތެރި ރައްޔިތުންތަކެއް ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ.