އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ، މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ސަތޭކަ މިލިޔަން ޔޫރޯއަށް ގެނައި ބްރެޒިލްގެ އެންޓޮނީ އާއި މާކަސް ރަޝްފޯޑް ކާމިޔާބު ކޮށްދިން ދެލަނޑުން 3-1 އިން އާސެނަލް ހަމަބިމަށް ތިރިކޮށް މެންޗެސްޓަރ ޔުނައިޓެޑުން މިރޭ ފެންވަރު ސާބިތު ކޮށްދީފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑުގެ މަޝްހޫރު އޯލްޑްޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ ރީތި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އާސެނަލްގެ ބްރެޒިލް ވިންގަރ މެޗުގެ މާޓެނީލް 11 ވަނަ މިނެޓުގައި ލަނޑެއްވެސް ޖެހިއެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ މާޓެނީލްއަށް ބޯޅަ ލިބުމުގެ ކުރިން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް، ޔުނައިޓެޑުގެ އެރިކްސަން އަތުން ބޯޅަ އަތުލީ ފައުލް ކުރުމަށްފަހު ކަމަށެވެ.
ޔުނައިޓެޑުން ލީޑް ނެގީ މެޗުގެ 35 ވަނަ މިނެޓުގައި ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން އެންޓޮނީއެވެ. އަޔަކްސް ދޫކޮށް 100 މިލިޔަން ޔޫރޯގެ ޓްެރާންސްފާ ފީއަކަށް ޔުނައިޓެޑަށް މީގެ ތިންވަރަކަށް ދުވަސް ކުރިން ބަދަލުވި އެންޓޮނީ ވަނީ ލަނޑު ޖެހުމަށްފަހު ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.
އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރީ، ޔުނައިޓެޑުން އެންޓޮނީގެ ބަދަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އެރުވިތާ މާގިނައިރުތަކެއް ނުވެ އުޅެނިކޮށެވެ. މިލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިންގްލެންޑުގެ ބައިނަލްއަގުވާމީ ވިންގަރ ބުކަޔޯ ސަކާއެވެ. އެކަމަކު އޭގެ 6 މިނެޓް ފަހުން ބްރޫނޭ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ދިރުން ގެނެސްދީފައެވެ. ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ލަނޑު ރަޝްފޯޑް ކާމިޔާބު ކުރީ 75 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ހުހަށްހުރެއެވެ.
މިއީ މިސީޒަނުގައި ޕްރިމިއަރ ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން އެޓީމުން ވަނީ ކުޅުނު 5 މެޗްވެސް ކާމިޔާބު ކޮށްފައެވެ. މިރޭ ބަލިވި ނަމަވެސް އާސެނަލް އަދިވެސް އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ ކުރީގައެވެ. އަނެއްކޮޅުން މިރޭ އާސެނަލް އަތުން ލިބުނު 3 ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ 12 ޕޮއިންޓް ހަމަކޮށް ތާވަލުގެ 5 ވަނައަށް ކުރިއަށް ޖެހިލާފައެވެ.