މިހާރު ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކުރިއަށްދާ އޭޝިޔާ ކަޕް ކްރިކެޓް މުބާރާތުގައި ވާދަވެރި އިންޑިޔާގެ މައްޗަށް ޕާކިސްތާނުން 5 ވިކެޓުން މިރޭ ކުރި ހޯދައިފިއެވެ.

"ސްޕަރ 4" ގެ މެދުގައި ކުޅުނު މިމެޗުގައި، ޓޮސް ދިމާވުމުން އިންޑިޔާއިން ނިންމީ ކުޅުމަށެވެ. 20 އޯވަރު ތެރޭގައި އިންޑިޔާގެ 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 181 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ މަޝްހޫރު ވިރާޓް ކޯލީއެވެ. އޭނާ ވަނީ 44 ބޯޅައިން 66 ލަނޑު ހަދާފައެވެ. އިންޑިޔާ ޓީމުން ދެވަނައަށް އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 28 ލަނޑު ހެދި ރޯހިތް ޝަރްމާއެވެ. ތިންވަނައަށް އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 28 ލަނޑު ހެދި ކޭއެލް ރާހުލްއެވެ.

ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި 19.5 އޯވަރު ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 182 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ޕާކިސްތާނުގައި މިވަގުތު ހުރި އެންމެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ރިޒްވާންއެވެ. އޭނާ ވަނީ 51 ބޯޅައިން 71 ލަނޑު ހަދާފައެވެ. ދެވަނައަށް އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 40 ލަނޑު ހެދި މުހައްމަދު ނަވާޒްއެވެ. ތިންވަނައަށް އެންމެ ރަނގަޅަށް ކުޅުނީ 8 ބޯޅައިން 16 ލަނޑު ހެދި އަލީ އާސިފެވެ.

މިމުބާރާތުގައި 6 ގައުމު ވާދަކުރިއިރު، ސްޕަރ 4 އިން ޖާގަ ލިބުނީ އިންޑިޔާ އާއި ޕާކިސްތާނުގެ އިތުރުން ސްރީލަންކާ އާއި އަފްގާނިސްތާނަށެވެ. މިމުބާރާތުގެ ފައިނަލަށް ދާނީ ސްޕަރ 4 ގެ މެދުގައި އެއްބަރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެގައުމެވެ. މިވަގުތު ކޮންމެ ގައުމަކުންވެސް އެއްމެޗް ކުޅެފައިވާއިރު ތާވަލުގެ ކުރީގައި އޮތީ ލަންކާއެވެ. ދެވަނައިގައި އޮތީ ޕާކިސްތާނެއެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.