ނުނިމިހުރި މައްސަލަތައް މަދުކުރުމަށްޓަކައި، މި އަހަރުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ހައިކޯޓުން ނިންމައިފިއެވެ.

އެގޮތަށް ނިންމެވީ އެކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުންކަމަށް ހައިކޯޓުން ބުނެއެވެ.

ކޯޓްތަކުގެ ޤާނޫނުގައިވާގޮތުން ޑިސެމްބަރު މަސް ފެށުމުން ހައި ކޯޓް ރިސެސްއަށް ދާންޖެހުނު ނަމަވެސް އެކޯޓުން ނިންމާފައިވަނީ ރިސެސްގެ މުއްދަތުގައިވެސް ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން އެމުއްދަތުގައި ކުއްލި މައްސަލަތަކާއި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގެ އިތުރުން ކޮންމެހެން ހިންގަން ޖެހޭ އަވަސް ތަބީޢަތުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާ އެކު، ސުޕްރީމް ކޯޓާއި ހައި ކޯޓު އަދި ދަށު ކޯޓުތައްވެސް އެއްމަސް ދުވަހުގެ ރިސެސްއަކަށް ދާނެއެވެ.