ޗައިނާއިން ވަނީ އުއިގޫރު މުސްލިމުންގެ ސަގާފަތާއި ވިޔަފާރީގެ މަރުކަޒެއް ތަޅާލައިފައެވެ. މިއީ އުއިގޫރު މީހުންގެ ހައްގުތަކާ ދެކޮޅަށް ކުރާ މަސައްކަތެއް ކަމަށާއި އެމީހުންގެ ތަރިކަ ފޮހެލުމަށް ކުރާ މަސައްކަތެއް ކަމަށް އުއިގޫރުގެ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނެއެވެ.
ޗައިނާގެ ހުޅަނގު އުތުރު ވެރިރަށް ޒިންޖިއާންގް އުއިގޫރު އޮޓޮނޮމިކް ރީޖަންގެ ވެރިރަށުގެ މުހިންމު ލޭންޑްމާކެއް ކަމަށްވާ ރާބިއާ ކަދީރު ޓްރޭޑް ސެންޓަރަކީ 2009 ވަނަ އަހަރުން ފެށިގެން ހުސް ކޮށްފައިވާ ތަނެކެވެ. މިއީ އެއް ޒަމާނެއްގައި ގިނަ އަދަދަކަށް އުއިގޫރު މީހުންގެ ވިޔަފާރިތަކުގެ 800 އަށް ވުރެ ގިނަ ވިޔަފާރިތަކުގެ ދިރުހުރި މަރުކަޒެކެވެ.
މި ޓްރޭޑް ސެންޓަރ ކައިރީގައި ތިބޭ ވިޔަފާރިވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ދެ ދުވަހަށް ފިހާރަތައް ބަންދުކުރަން ކަމާބެހޭ ފަރާތްތަކުން އެންގި އެވެ. އަދި ސަރަހައްދު ބަންދުކޮށްގެން ސަރުކާރުން ކުރި މަސައްކަތެއް ކުރުމަށްފަހު އެނބުރި އައިއިރު އެ އިމާރާތް ހުރި ބިން ހުރީ ހުހަށެވެ.
"އަހަރެމެން އެނބުރި އައިއިރު ކުރިން ހުރި އިމާރާތްތައް ނުވެސް ނެތް،" ބަދަލު ހިފުމަށް ބިރަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވޮއިސް އޮފް އެމެރިކާއާ ވާހަކަ ދެއްކި ޓްރޭޑް ސެންޓަރުގައި ކުރިން ސެންޓު ފިހާރައެއް ހިންގި މީހަކު ބުންޏެވެ. "އެތަން ތަޅާލުމުގެ ތެރޭގައި އެ ސަރަހައްދާ ކައިރިއަށް ދިއުމަށް ހުއްދައެއް ނުދިން" އޭނާ ބުންޏެވެ.
އުއިގޫރު އެކްޓިވިސްޓުން ދެކެނީ ވިޔަފާރީގެ މަރުކަޒު ނައްތާލުމަކީ އުއިގޫރުގެ އައިޑެންޓިޓީއާއި ތަރިކަ ނައްތާލުމަށް ބެއިޖިން އިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ. 2017 ވަނަ އަހަރުން ފެށިގެން ޝިންޖިއާންގައި ޗައިނާއިން ހިންގާ އަމަލުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ނުރުހުން ޗައިނާއަށް އަމާޒު ވެފައި ވެއެވެ.
ޝިންޖިއާންގެ ގިނަ އަދަދެއްގެ މުސްލިމުން ބަންދުކުރުމާއި މަޖުބޫރުކޮށްގެން މަސައްކަތްކުރުވުމާއި އުއިގޫރުގެ ސަގާފީ އަދި ދީނީ ތަންތަން ނިޒާމީ ސިފައެއްގައި ފޮހެލުމަށް މސައްކަތް ކުރަމުން ދެއެވެ.
އެމެރިކާ ސަރުކާރާއި ބައިނަލްއަޤްވާމީ އެހެން ޖަމާޢަތްތަކުން ކަނޑައަޅާފައިވަނީ ޗައިނާގެ މި ޢަމަލުތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްގެ ގޮތުގައެވެ.
ޗައިނާއިން މި ވާހަކަތައް ދޮގު ކުރެއެވެ. ޗައިނާއިން ބުނަނީ މިއީ ޗައިނާގެ އަގު ވައްޓާލައި ޕްރޮޕެގެންޑާ ކުރުމަށް އެމެރިކާއާއި ހުޅަނގުން ހިންގާ ކެމްޕޭންގެ ބައެއް ކަމަށެވެ.