މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކުގެ މަގުތަކުގައި ފެން ބޮޑުވެ ހިނގާ ބިނގާ ނޫޅެވޭ ވަރުވެއްޖެއެވެ.

އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވި ބައެއްރަށްރަށުގެ މަގުތަކުން ފެންހިއްކަން ޖެހުނީ ޕަންޕު ޖަހައިގެންނެވެ. އެގޮތުން ރޭ، ޅ. ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެ އެރަށުގެ ގޭގެއަށް ފެންވަންނަމުންދާތީ، އެމްއެންޑީފްގެ އެހީ ތެރިކަމާއެކު މަގުތަކުން ފެން ހިނދިއެވެ.

އަދި އިއްޔެ ހަވީރު ފ. ނިލަންދޫ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެމްއެންޑީއެފްގެ ސެންޓަރަލް އޭރިއާ ކޮމާންޑު، ފ. ނިލަންދޫ ފަޔަސްޓޭޝަނުން އެހީތެރިކަން ފޯރުކޮށް ދިންކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. އެގޮތުން ޕަންޕުން ބޭނުނުންކޮށްގެން އެރަށު މަގުތަކުގައި ހެދުނު ފެންތައް ހިންދިއެވެ.

އިއްޔެ އަކީ މިހަފުތާގައި މުޅި ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަހެވެ. އަދި މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާ ދުވަހަކެވެ.

މިއަދުވެސް މާދަމާވެސް މޫސުން ރަނގަޅު ނޫންކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދިނެވެ. އެގޮތުން މިއަދު މެންދުރު 2 އިން ފެށިގެން މިރޭ 8 ޖަހަންދެން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި ވެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 ދެމެދު ބާރު މިނެއްގައި ވައި ޖެހޭނެކަމަށް ލަފާ ކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ މުޅި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

މޫސުން ރަނގަޅުވާނެކަމަށް ލަފާކުރަނީ އަންނަ ބުދަދުވަހުން ފެށިގެންނެވެ.