ފްރާންސުގެ ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުމާއި ގުޅިގެން، މިއަހަރުގެ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭނާއަށް ކުޅެވިދާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ތަފާތު މޮޅު ކުޅުމެއް ދެއްކި ޕޮގްބާގެ ކަކުލަށް އަނިޔާވީ އިޓާލިއަން ސީރިއޭގައި ޔުވެންޓަސްއަށް ކުޅެނިކޮށެވެ. ޕޮގްބާގެ މިނިސްކަސްގެ ސާޖަރީ ހެދުމަށްފަހު އޭނާއަށް އެނބުރި ދަނޑަށް ނިކުމެވޭވަރު ވާނީ 40-60 ދެމެދުގެ ދުވަސް ފަހުން ކަމަށް ޔުވެންޓަސްގެ މެޑިކަލް ޓީމުން ވަނީ ބުނެފައެވެ. ފްރާންސުން ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު 22 ވަނަ ދުވަހު އޮސްޓްރޭލިޔާއާ ދެކޮޅަށް ނިކުންނަން ޖެހޭނެއެވެ.

މިސީޒަނުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއަށް ބަދަލުވި ޕޮގްބާއަށް އަނިޔާވެ ދެމަހެއްހައި ދުވަސް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ފްރާންސްގެ އިތުރުން ޔުވެންޓަސްއަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ.