ރާއްޖޭ ގަޑިން މިރޭ 21:45 ގައި ޑައިނަމޯ ޒެގްރަބާއި ޗެލްސީ ބައްދަލު ކުރާ މެޗުން ކްލަބް ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގެ މިސީޒަން ފެށިގެންދާނެއެވެ.

މިރޭ ޗެމްޕިއަންސް ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ ޔޫރަޕުގެ އެންމެ ވަރުގަދަ ފޯވާޑް ލައިނެއް އޮތް ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ ކާމިޔާބް ކްލަބް ޔުވެންޓަސް ބައްދަލު ކުރާ މެޗެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ.

ޕީއެސްޖީ އާއި ޔުވެންޓަސް ކުރީގެ އުސްއަލިތައް:

މިދެޓީމުގެ އެންމެފާހަގަ ކޮށްލެވޭ ކުރިމަތިލުމަކީ ޔުއެފާ ސްޕަރ ކަޕް ފައިނަލުގައި 1996 ވަނަ އަހަރު ބައްދަލު ކުރި މެޗެވެ. ދެލެގުގެ އެގްރިގޭޓުން ޔުވެންޓަސްއިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދީ 9-2 އިންނެވެ. ފުރަތަމަ ލެގް ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި ކާމިޔާބު ކުރީ 3-1 އިންނެވެ. ދެވަނަ ލެގް ޕީއެސްޖީގެ ދަނޑުގައި ޔުވެންޓަސްއިން ކާމިޔާބު ކުރީ 6-1 ގެ ބޮޑު ތަފާތަކުންނެވެ.

މިދެޓީމު މިހާތަނަށް 8 ފަހަރު ބައްދަލު ކޮށްފައިވާއިރު އެއްވެސް މެޗަކުން ޕީއެސްޖީ މޮޅުވެފައެއް ނުވެއެވެ. 2 މެޗް އެއްވަރުވިއިރު އަނެއް 6 މެޗް ކާމިޔާބު ކުރީ ޔުވެންޓަސްއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ޖެހިޖެހިގެން 6 މެޗުން ޔުވެންޓަސް އަތުން ޕީއެސްޖީ ބަލިވެފައިވާ ކަމެވެ. މިއީ އެއްޓީމަކާ ދެކޮޅަށް ޕީއެސްޖީއަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ.

ދެޓީމުގެ ހާލަތު:

ޕީއެސްޖީ: ތަރިންގެ މައްޗަށް އެކުލެވޭ ޕީއެސްޖީގައި އަނިޔާގެ މައްސަލައެއް ނެތެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 7 ފަހަރު ހޯދާފައިވާ ލިއޮނަލް މެސީ އާއި މިސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ނޭމާ އާއި އެމްބައްޕޭއާއެކު ޕީއެސްޖީ އޮތީ ކޯޗް ކްރިސްޓިފޯ ގަލްޓިއާއެކު ވަރަށް ފުރިހަމައަށް މިމެޗަށް ތައްޔާރުވެފައެވެ.

ޔުވެންޓަސް: އެއްވަނަ ކީޕަރު ސެޒްނީ އާއި މުހިއްމު މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި ނުރައްކާތެރި ވިންގަރ އެންހެލް ޑިމާރިއާ އާއި ފެޑްރީކޯ ޗިއޭސާއަށް އަނިޔާގެ ސަބަބުން ޕީއެސްޖީއާ ދެކޮޅަށް މިރޭ ނުކުޅެވޭނެއެވެ. މިކުޅުންތެރިން ނެތްތަން ފޫބެއްދުމަކީ ޔުވެންޓަސްގެ ކޯޗް މަސިމޯ އެލެގްރީއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

ކޯޗުންގެ ބަސް:

ގަލްޓިއާ (ޕީއެސްޖީ):

"ޔުވެންޓަސްއަކީ ޗެމްޕިއަންސް ލީގުގައި ތަޖުރިބާހުރި ވަރުގަދަ ޓީމެއް. ޔުވެންޓަސްގައި ތިބި ކުޅުންތެރިންނަށާއި ކޯޗިންގ ސްޓާފުންނަށް ޗެމްޕިއަންސް ލީގް ވަރަށް ރަނގަޅަށް އެނގޭނެ. ރޭވުންތެރިކަމާއެކު ކުޅޭ ވަރަށް އޮގަނައިޒްޑް ޓީމެއް ޔުވެންޓަސްގައި އޮތީ. ޔުވެންޓަސްގެ ފަހަތުން ޖާގަތައް ހޯދައިގެން ކުޅެން ފަސޭހަ ނުވާނެކަން އެނގޭ. އެކަމަކު އަހަރެންގެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް. ކުޅުންތެރިން ބޭނުންވަނީ މުބާރާތް ވަރުގަދަ ޓީމަކާ ދެކޮޅަށް ޖޯޝުގައި ފަށަން" ގަލްޓިއާ ބުންޏެވެ.

އެލަގްރީ (ޔުވެންޓަސް):

"އަހަރެންގެ ނަޒަރުގައި ޗެމްޕިއަންސް ލީގުގެ މިފަހަރުގެ ފެވަރީޓުންނަކީ ޕީއެސްޖީ. ޔަގީނުންވެސް މިމެޗް ވެގެންދާނީ ބަލާހިތްވާފަދަ މެޗަކަށް. އަހަރެމެން މަސައްކަތް ކުރާނީ ޓެކްނިކަލް ނަޒަރަކުން ރަނގަޅު މެޗެއް ކުޅެން. އަހަންނަށް ގަބޫލް ކުރެވޭ ގޮތުގައި ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވަނަ ބުރަށް ދިޔުމަށް އަހަރެމެންނަށް ބޭނުންވާނީ 10 ޕޮއިންޓް" އެލަގްރީ ބުންޏެވެ.

ލަފާ ކުރެވޭ ފުރަތަމަ އެގާރަ (ޕީއެސްޖީ)

ލަފާ ކުރެވޭ ފުރަތަމަ އެގާރަ (ޔުވެންޓަސް)